=

އާއިލީ މައްސަލައެއްގެ ތެރެއިން ދަރިފުޅު މަންމައަށް ދިން ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާ ދިނުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

ހުޅުމާލެ ފޭސް އެކެއްގެ ރެހެންދި ސްކޫލް ކައިރީގައި ހުރި ފްލެޓެއްގެ ތެރޭ، ރޭ 6:18 ހާއިރު، ހަމަލާދީ ޒަހަމްކޮށްލާފައިވަނީ 51 އަހަރުގެ ދިވެހި އަންހެނެކެވެ.

ދެބެއިންގެ މެދުގައި ޖެހުނު ހަމަނެޖުހުމެއްގެ ތެރެއިން ދިން ހަމަލާގައި ޒަހަމްވި މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން ރޭ ބުންޏެވެ.

މިކަމާ ބެހޭ ގޮތުން ހުޅުމާލެ ހޮސްޕިޓަލުން ބުނީ އެމީހާ ފަރުވާއަށް ފަހު ރޭ ފަތިހު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށް ވެސް ހޮސްޕިޓަލުން ބުނެ އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނި ގޮތުގައި، އަންހެން މީހާއަށް ހަމަލާ ދިން 25 އަހަރުގެ ދިވެހި ފިރިހެން މީހާ އަކީ ނަފްސާނީ މައްސަލަތަކެއް ހުންނަ މީހެކެވެ.

އެ މީހާއަށް ސޯޝަލް މިނިސްޓްރީގެ ބެލުމުގެ ދަށުން އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް، އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.