ރައްޔިތުންގެ ޝަކުވާތައް ސީދާ ރައީސަށް ހުށަހެޅޭގޮތަށް ޕޯޓަލެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ އެލްޖީއޭއިން ބޭއްވި "ކަންގަތި އެވޯޑް 2023" ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުންގެ ގާތަށް ގޮސް، ކަންކަން އޮޅުންފިލުއްވެވުމުގެ އިތުރުން، ރައްޔިތުން އެދޭ އެދުންތަކާއި ހުރި ކަންބޮޑުވުންތައް އަދި ސާފުކުރަން ބޭނުންވާ ކަންކަން ސީދާ އެމަނިކުފާނަށް ހުށަހެޅޭގޮތަށް ރައީސް އޮފީހުގައި ޕޯޓަލެއް ޤާއިމުކުރައްވާނެކަމަށެވެ.

"ދިވެހި ކޮންމެ ރައްޔިތަކަށް އަޅުގަނޑާ ސުވާލުކުރެވޭ ގޮތަށް، އަދި އެ ރައްޔިތެއްގެ އުދާސްތަކާއި ހިޔާލުތަކާއި އުންމީދުތައް ސީދާ އަޅުގަނޑަށް ހުށަހެޅޭ ގޮތަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ޕޯޓަލެއް ގާއިމުކުރާނަން. މި ޕޯޓަލް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ކުރިޔަށް އެބަދޭ. ދަންނަވަންތޯ! އަޅުގަނޑު ދެ ފުށްފެންނަ ސަރުކާރެއް ބޭނުންވަނީ އޭގެ ހަގީގީ މާނައިގައިގައި." ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ސަރުކާރުގެ ހަފުތާ 14 ގެ ތެރޭގައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް ޕަބްލިކް ފޯރަމްތަކެއް ސިލްސިލާކޮށް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި މީގެ ފުރަތަމަ ފޯރަމް އަންނަ ފެބްރުއަރީމަހު ބޭއްވުމަށް ގަސްތުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މި ހަފްތާ ބަންދުގައި ރާއްޖޭގެ ހުރިހާ ރަށަކަށް ރައްޔިތުންގެ ހާލު ބެއްލެވުމަށްޓަކައި މިނިސްޓަރުންނާއި ކުންފުނިތަކުގެ ވެރިން ހިމެނިވަޑައިގަންނަވާ ވަފުދުތައް ދަތުރު ކުރާނެ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ލާމަރުކަޒީ ނިޒާމަށް އެމަނިކުފާނުގެ ފުރިހަމަ ތާއިދާއި އިތުބާރު އެބައޮތްކަމަށާއި، އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންނާއި ވީހާވެސް ގާތުން ކަމަށެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ރަށްރަށަށް ދަތުރުކުރައްވާނެކަމަށާއި، ރައްޔިތުންނާއި ގިނަގިނައިން ބައްދަލުކުރައްވާނެކަމަށް ރައީސް ވިދާޅުވި އެވެ.