ކުޅުދުއްފުށީ ސިޓީން އިތުރު ހަ މީހުން ފައިލޭރިއާއަށް ޕޮޒިޓިވްވެ، ބަލި ޖެހުނު މީހުންގެ އަދަދު 25 އަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުން 19 އަށް 439 މީހުން ސްކްރީން ކުރެވިފައިވާ ކަމަށާއި މިހާތަނަށް ޖުމްލަ 25 މީހުން ފައިލޭރިއާ އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ފައިލޭރިއާއަށް ޕޮޒިޓިވްވި ބިދޭސީން ރާއްޖެއަށް އެތެރެވެފައިވަނީ ފައިލޭރިއާ އާންމުކޮށް ފެންނަ ޤައުމުތަކުންކަމަށް ވެސް އެޗްޕީއޭއިން ބުނެ އެވެ. އެގޮތުން މި ނުރައްކާތެރި ބަލިމަޑުކަން ފެތުރުން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޕީއޭއިން ހާމަކުރެ އެވެ.

ކުޅުދުއްފުށިން ފައިލޭރިއާއަށް ޕޮޒިޓިވެފައިވާ ބަޔަކު ފެނުމާއެކު އިތުރު ބިދޭސީން ސްކްރީން ކުރުމުގެ މަސައްކަތް، އެޗްޕީއޭގެ ލަފާގެ މަތިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އަންނަނީ ކުރިއަށް ގެންދަމުންނެވެ.

ފައިލޭރިޔާ އަކީ އާއްމުކޮށް ނަޖިސް ފެނުގައި އާލާވާ ކިއުލެކްސް އޭ ކިޔާ މަދިރީގެ ބާވަތަކުން ފެތުރޭ މިބަލީގެ އާންމު އަލާމާތަކީ ފައި ދުޅަވުން ނަމަވެސް، މި ބަލި ޖެހުމަށްފަހު އެތައްދުވަހެއް ވަންދެން ވެސް ބަލީގެ އެއްވެސް އަލާމާތެއް ނުފެނި ހުރެ އެވެ.

އަދި ބަލިޖެހޭތާ ގިނަ ދުވަސްތަކަކަށްފަހު ހުންއައުމާއި ހަށިގަނޑުގެ އެކި ބައިތައް ދުޅަވުމާއި ހަންގަނޑު ބޯވުން ފަދަ އަލާމާތްތައް ބަލިމީހާގެ ކިބައިން ފެނެ އެވެ.

ރާއްޖޭގައި ފައިލޭރިއާ ކޮންޓްރޯލް ކުރުމަށް ގައުމީ ފެންވަރުގައި 1968 ވަނަ އަހަރު ފެއްޓެވި މަސައްކަތުން ރާއްޖެއިން ފައިލޭރިއާ ނައްތާލެވުނީ، 2007 ވަނަ އަހަރު އެވެ.