ސަރުކާރާ ދެކޮޅު ބައެއް ވެބްސައިޓުތައް ބްލޮކްކޮށްފައިވާ މައްސަލައިގައި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފަށް ރުހުން ދޭން ނުފެންނަ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލު ވިދާޅުވެއްޖެ އެވެ.

ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާދަމް ޝަރީފު ޑިފެންސް މިނިސްޓަރަކަށް ހުންނެވިއިރު މަޖިލީހުގެ ތާރީހުގައި އަލަށް ސިފައިން ވައްދާ މެމްބަރުންނަށް އަނިޔާ ކުރެއްވި ކަމަށެވެ. މިހާރު ކޮމިއުނިކޭޝަން އޮތޯރިޓީ މެދުވެރިކޮށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނައްތާލުމަށް މަސައްކަތް ފަށާފައިވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"ލާމަރުކަޒީ ނިޒާމް ވެސް ފުށިދިއްގަރަށް، ރުހުން ދޭންޖެހޭ އެއްވެސް ސަބަބެއް ނުފެނޭ،" ފައްޔާޒު ވިދާޅުވި އެވެ.

ލޯކަލް ގަވަމެންޓު މިނިސްޓްރީގެ މެންޑޭޓް ތެރޭގައި ކޮމިއުނިކޭޝަން އޮތޯރިޓީން ހިމެނޭއިރު، ސަރުކާރުން ބަރަހަނާ ސައިޓްތައް ބްލޮކުރަން ފެށިތާ ހަފްތާއެއް ފަހުން ރެއިން ފެށިގެން، ހަބަރުފަތުރާ ތިން ވެބްސައިޓަކަށް ނުވަދެވޭ ގޮތް ވަނީ ހަދާފަ އެވެ. އެއީ ހިޔާލުފާޅު ކުރަން ހުރަސް އެޅުމުގެ އަމަލެއްގެ ގޮތުގައި ފާހަގަކޮށް، އާންމުންނާއި ސިޔާސީ ޕާޓީތައް އަދި ޖަމިއްޔާތަކުން އަންނަނީ އެކަން ކުށްވެރި ކުރަމުންނެވެ.

މި ވެބްސައިޓުން ވެސް އަންނަނީ ރައީސް މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެމަނިކުފާނާއި ސަރުކާރަށް ފާޑުކިޔައި ލިޔުންތައް ޝާއިރުކުރަމުންނެވެ.

މީގެ ކުރިން ފައްޔާޒު ކުރެއްވި ޕޯސްޓެއްގައި ވަނީ ސަރުކާރަށް ފާޑުކިޔާ ވެބްސައިޓުތައް ބްލޮކް ކުރުމަކީ ވަރަށް ނުރައްކާތެރި ސިގްނަލެއްގެ ގޮތުގައި ސިފަކުރައްވައި އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށް ރުހުން ދިނުމުގެ މައްސަލަ އަނބުރާ ކޮމިޓީ އަށް ފޮނުވާލާފައިވާއިރު، ކޮމިޓީން އަލުން އެ މަސައްކަތް މިހާތަނަށް ފަށާފައެއް ނުވެ އެވެ. މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ރުހުން ދޭނެ ވަޒީރުން ނިންމާނީ ޕާލަމެންޓްރީ ގްރޫޕްގެ މެދުގައި މަޝްވަރާކުރުމަށްފަހު އެވެ.