ޑިފެންސް މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރަކަށް އިންސްޓަގްރާމްގައި މަޝްހޫރު މޮޑެލްއެއް ކަމުގައިވާ ފާތުމަތު ސަފާ އަހުމަދު އައްޔަން ކުރުމާ ގުޅިގެން އާންމުންގެ ފާޑު ކިއުން އަމާޒުވެފައި ވަނިކޮށް އޭނާ އަށް މަރުހަބާ ކިޔައި ޑިފެންސް މިނިސްޓްރީން "އެކްސް" ގައި ކުރި ޕޯސްޓު ޑިލީޓްކޮށްލައިފި އެވެ.

"ހުރިހާ" އަށް އެނގިފައިވާ ގޮތުގައި ޑިފެންސް މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރަކަށް ސަފާ އައްޔަން ކުރިތާ ދުވަސްކޮޅެއްވެއްޖެ އެވެ. ޕޮލިޓީކަލް ޑިރެކްޓަރުގެ ހައިސިއްޔަތުން ސަފާ ބައެއް ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވާތާ ވެސް ދުވަސްކޮޅެއްވެއްޖެ އެވެ.

އެގޮތުން ޑިފެންސް މިނިސްޓްރީގެ އިސް ބޭފުޅުން އެ މިނިސްޓްރީގެ ދަށުގައި އޮންނަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މުވައްޒަފުންނާ ބައްދަލު ކުރެއްވުމަށް މިދިޔަ ބުދަ ދުވަހު ބޭއްވެވި ބައްދަލުވުމުގައި ސަފާ ބައިވެރިވެވަޑައިގަތެވެ.

ސަފާ އަށް މަރުހަބާ ކިޔައި ޑިފެންސް މިނިސްޓްރީން ކުރި ޕޯސްޓް.

ސަފާގެ އިތުރުން ޑިފެންސް މިނިސްޓްރީގެ ނައިބަކަށް އައްޔަން ކުރެއްވި ފާތިމަތު މިޒްނާ އަލީ އަށް މަރުހަބާ ކިޔައި ޕޯސްޓެއް ވެސް މިނިސްޓްރީން "އެކްސް" ގައި އާންމު ކުރި އެވެ. އެ ދެ ބޭފުޅުންގެ ފޮޓޯ ހިމަނައި މަރުހަބާ ކިޔާ "އެކްސް" ގައި ޑިފެންސް މިނިސްޓްރީގެ އެކައުންޓުން ވަކި ވަކީން ޕޯސްޓް ކޮށްފައިވެ އެވެ. ނަމަވެސް އެ ދެ ޕޯސްޓް ވެސް މިހާރު ވަނީ ނަގައިފަ އެވެ.

އެކަން ކުރި ސަބަބެއް ޑިފެންސް މިނިސްޓްރީން ބުނެފައެއް ނުވެ އެވެ.

އިންސްޓަގްރާމް މޮޑެލްގެ ގޮތުގައި މަޝްހޫރު ސަފާ އަށް ޑިފެންސްގެ މަގާމެއް މަގާމެއް ދިނުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މިފަދަ މަގާމުތަކަށް އައްޔަންކުރާ ބޭފުޅުންގެ ތައުލީމީ ފެންވަރު އާއްމު ކުރުމަށް ވެސް ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ވަނީ ގޮވާލައިފަ އެވެ.