މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ދައްކަން ޖެހޭ ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

އާޒިމާގެ މައްޗަށް ހުކުމެއް އައިސްފައި މިވަނީ އޭނާ މާލެ ސިޓީގެ މޭޔަރުގެ މަގާމަށް ކެމްޕޭން ކުރައްވަމުން ގެންދަވަނިކޮށެވެ.

އާޒިމް މޭޔަރުގެ މަގާމަށް ކުރިމަތިލައްވައިގެން އުޅުއްވަނީ ޕީޕީއެމް/ޕީއެންސީގެ ޓިކެޓްގަ އެވެ.

މިއީ އެމްއައިބީ އާއި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ދެމެދު ގާއިމުކޮށްފައިވާ "މުޝާރަކާ އެގްރިމެންޓް" އެއްގެ ދަށުން އެ ބޭންކަށް އާޒިމާ ދައްކަން ޖެހޭ ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދައްކާ އޮތުމުން އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން މިއަދު ކުރި ހުކުމެކެވެ.

އާޒިމާގެ މައްޗަށް ސިވިލް ކޯޓުން މިއަދު އެ ހުކުމް އިއްވީ އޭނާގެ ޣައިރު ހާޒިރުގަ އެވެ. އެއީ ލޯނެއް ނަގައިގެން ފްލެޓެއް ގަނެފައިވާ މައްސަލައެއްގަ އެވެ.

ޑިމިނިޝިން މުޝަރަކާ ޕްރޮޕަޓީ ފައިނޭންސިން ފެސިލިޓީގެ ދަށުން މިއަދުގެ ނިޔަލަށް 4،030،856 ރުފިޔާ ބާކީ އޮތް ކަމާއި ޗެރިޓީގެ ގޮތުގައި އަރާފައިވާ 125،499 ރުފިޔާ އޮތް ކަން ޝަރީއަތަށް ސާބިތުވާ ކަމަށް، ގާޒީ ޒުލައިހާ ޝީޒާ ކުރެއްވި ހުކުމުގައިވެ އެވެ.

އެހެންކަމުން ޖުމުލަ 4،156،355 ރުފިޔާއަކީ އާޒިމާގެ ފަރާތުން އިސްލާމިކް ބޭންކަށް ދައްކަން ޖެހޭ ފައިސާ ކަން ސާބިތުވާ ކަމަށް ކޯޓުން ކަނޑައެޅި އެވެ. ކޮންމެ މަހަކަށް ޖެހޭ ފައިސާގެ އަދަދަށް ވުރެ މަދު ނޫން އަދަދަކަށް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް އެ ހުކުމުގައި އަންގާފައިވެ އެވެ.

ޑިމިނިޝިން މުޝަރަކާ (ޑީއެމް) އަކީ އެސެޓެއް ނުވަތަ މުދަލެއްގެ ޖޮއިންޓް އޯނާޝިޕްގެ ގޮތެކެވެ. އޭގައި ޖޮއިންޓް އޯނަރުންގެ ތެރެއިން އެއްވެސް ފަރާތަކުން އަނެއް ޖޮއިންޓް އޯނަރުގެ މިލްކުވެރިކަމުގެ ހިއްސާ މަޑުމަޑުން ގަންނަމުން ގޮސް ޖޮއިންޓް އެސެޓް ނުވަތަ މުދަލުގެ މިލްކުވެރިކަން އެއްކޮށް ބަދަލުކުރެވޭނެ އެވެ.

މޭޔަރު ކަމަށް ސަރުކާރު ކެންޑިޑޭޓުގެ ގޮތުގައި ކެމްޕެއިން ކުރައްވަމުން ގެންދަވާ އާޒިމާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ހުޅުމާލޭގެ ބިމަކާއި ފްލެޓެއް ރަހުނުގެ ގޮތުގައި ބަހައްޓާފައިވާއިރު، ފައިސާ ދައްކާ ނިމެންދެން ރަހުނުގެ އެއްބަސްވުމުގެ ދަށުން އިސްލާމިކް ބޭންކަށް ލިބިގެންވާ ހައްގުތަކާއި ބާރުތައް ދެމިއޮންނާނެ ކަމަށް ވެސް އެ ހުކުމުގައި ބުނެފައިވެ އެވެ.