ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިބްރާހީމް ޝަހީބު އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ހާޒިރުކޮށް ޑިމާންޑުކުރީ އިންޑިއާ އަށާއި ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ބަދުބަސްތައް ބުނި ތިން ނައިބު ވަޒީރުން މަގާމުން ވަކިކުރަން ކަމަށް އެ ގައުމުގެ ނޫހެއްގައި ރިޕޯޓްކޮށްފި އެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ ހިންދުސްތާން ޓައިމްގައި ރިޕޯޓްކޮށްފައިވާގޮތުގައި ރާއްޖޭގެ ސަފީރު ޝަހީބު މިއަދު ހެނދުނު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރާ ބައްދަލުކުރެއްވީ އެ މިނިސްޓްރީގައި ހަތަރު މިނިޓް ވަންދެނެވެ.
އެ ބައްދަލުވުމުގައި ޖަޔަޝަންކަރު ވިދާޅުވި ކަމަށް އެ ނޫހުގައި ވަނީ ދެގައުމުގެ ގުޅުން ގޯސްވެގެން ދިޔައީ ރާއްޖޭގެ ސަބަބުން ކަމަށް ވުމުން، އެކަން ރަނގަޅު ކުރުމުގެ ޒިންމާ ރައީސް ޑރ. މުހައްމަދު މުއިއްޒު ނަންގަވަން ޖެހޭ ކަމަށެވެ.
އިންޑިއާއަށާއި ބޮޑުވަޒީރު މޯދީއަށް ބަދުބަސް ރައްދު ކުރި ތިން ނައިބު ވަޒީރުން ސަސްޕެންޑް ކުރުމުން އެކަނި ނުފުދޭ ކަމަށާއި އެ ތިން ބޭފުޅުން ވަޒީފާއިން ވަކިކުރަން ޖެހޭ ކަމަށް ކަމަށް ޖަޝަންކަރު ވިދާޅުވި ކަމަށް ވެސް އެ ނޫހުގައިވެ އެވެ.
އެ މައްސަލައިގައި ސަސްޕެންޑުކުރީ ޔޫތު މިނިސްޓަރުގެ ނައިބުން ކަމަށްވާ މަލްޝާ ޝަރީފް އާއި މަރިޔަމް ޝިއުނާ (ނަންނަ) އަދި އަބްދުﷲ މަހްޒޫމް މާޖިދެވެ.
އެ ތިން ބޭފުޅުންގެ އަހުލާގީ ފެންވަރު ހުރިގޮތާމެދު ރައީސް މުއިއްޒު ހަނުހުންނަވާތީ، އިންޑިއާ ސަރުކާރުން ވަރަށް ބޮޑަށް ރުޅިއައިސްފައިވާ ކަމަށް ވެސް އެ ނޫހުގައިވެ އެވެ.
ރައީސް މުއިއްޒު ޗައިނާއަށް ކުރައްވާ ދަތުރުފުޅާ ދިމާކޮށް އެފަދަ ޓްވީޓްތަކެއް އެ ތިން ބޭފުޅުން ކުރެއްވީ ޗައިނާ އިން މާލީ އެހީ ހޯދުމަށް އެ ގައުމުގެ ރުއްސުމަށްޓަކައި ރައީސް މުއިއްޒުގެ އެންގެވުމަށް ކަމަށް މިނިސްޓަރު ޖަޔަޝަންކަރު ތުހުމަތު ކުރައްވާ ކަމަށް ވެސް އެ ނޫހުގައިވެ އެވެ.
ރާއްޖެއަށް އިންޑިއާ އިން ކަނޑައަޅާފައިވާ ސަފީރު މުނޫ މަހާވަރު ވެސް މިއަދު ވަނީ ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށްފަ އެވެ. އެގޮތުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެ ބައްދަލުވުމުގައި ވިދާޅުވީ އެ ތިން ބޭފުޅުން ވިދާޅުވި ބަސްފުޅަކީ ސަރުކާރުގެ ބަހެއް ނޫން ކަމަށެވެ.