އާބަންކޯގެ ޑެޕިއުޓީ ޑިރެކްޓަރު ކަމުގެ މަގާމަށް، މިނިވަން ނޫހޫގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲއަށް ފާރަލި ކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ އިސްމާއީލް އަބްދުއްރަހީމް އާދަމް (އިސޫ) އައްޔަންކޮށްފި އެވެ.

އިސޫ އައްޔަންކޮށްފައި ވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ އޮޕަރޭޝަންސް ޑެޕިއުޓީ ޑިރެކްޓަރެއްގެ މަގާމަށެވެ.

މިކަން ރަސްމީކޮށް އާބަންކޯއިން ހާމަކޮށްފައެއްނުވެ އެވެ. 2014 ވަނަ އަހަރު ރިލްވާން ރަހީނުކޮށް މަރާލުމުގައި އިސޫ ބައިވެރިވެފައިވާ ކަމަށް ތަހުގީގުން ހާމަވާ ކަމަށް ޕީޖީ އޮފީހުން މީގެކުރިން ވަނީ ބުނެފަ އެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް ފަހުން ވަނީ ގޭބަންދަށް ބަދަލުކޮށް ފައިގައި ޓެގް އަޅުވައިފަ އެވެ. އިސޫގެ މައްސަލަ އަދިވެސް އޮތީ ކްރިމިނަލް ކޯޓުގަ އެވެ. ކޯޓުގައި މައްސަލަ އޮއްވައި މިފަދަ ބޮޑު މަގާމެއް ދިނީ ކީއްވެ ކަމެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.