ފުރާވަރު އުމުރުގެ ކުދިން ހަކުރު ހުންނަ ކާބޯތަކެތި ބޭނުންކުރާ މިންވަރު އިތުރު ވަމުން އަންނަ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އިނގިރޭސިވިލާތުގައި ހެދި ކެންސަރު ބައްޔާ ބެހޭ ދިރާސާއެއްގައި ބުނެފައި ވަނީ އެ ގައުމުގެ ފުރާވަރު އުމުރުގެ ކުދިން އަހަރެއްގެ މައްޗަށް 10 ކިލޯ ހަކުރު ހުންނަ ކާބޯތަކެތި ބޭނުންކުރާ ކަމަށެވެ.

މީގެ އިތުރުން އުމުރުން 11 އަހަރާއި 18 އަހަރާ ދެމެދުގެ އުމުރު ފުރާގެ ކުދިން ހަކުރު ބޭނުންކުރަން ޖެހޭ މިންވަރަށްވުރެ ތިން ގުނަ އިތުރަށް ހަކުރު ބޭނުންކުރާ ކަަމަށް ވެސް ދިރާސާގައި ބުނެފައިވެ އެވެ.

މީގެކުރިން ހަދާފައިވާ ދިރާސާތަކުން ދައްކާ ގޮތުން ހަކުރު ހުންނަ ބުއިންތައް ބޭނުންކުރާނަމަ ބަރުދަން އިތުރުވެ، ހަކުރު ބަލީގެ އިތުރުން ކެންސަރު ބައްޔައް މަގުފަހިވެ އެވެ.

ނަތީޖާއަކަށްވަނީ އުމުރުގެ ކުރީކޮޅު ދާއިމީ ބަލިތަކަށް ހުށައެޅި ދިރިއުޅުމުގެ ގިނަ ކަންކަމަށް ވެސް އެކަމުގެ ސަބަބުން ނޭދެވޭ އަސަރުތައް ކުރުމެވެ.

އެހެން ކަމުން ވަގުތު ފާއިތު ނުވަނީސް ހަކުރާއި ފޮނި ކާތަކެއްޗާ ދުރުވުން މުހިއްމެވެ.