މަޖިލިސް އިންތިހާބުގައި އެމްޑީޕީ އާއި ޑިމޮކްރެޓްސް ކޯލިޝަން ނަހަދާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ޑިމޮކްރެޓްސްއާ ގުޅިގެން މަސައްކަތް ކުރަން ނިންމިކަން އިއުލާންކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒް ވިދާޅުވީ ޑިމޮކްރެޓްސްއާއެކު އެއްބަސްވީ މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގައި ދެ ޕާޓީ ގުޅިގެން ސަރުކާރު ޖަވާބުދާރީކުރުވަން ކަމަށެވެ.

ފައްޔާޒް ވިދާޅުވީ ޑިމޮކްރެޓްސްގެ އިސް ބޭފުޅުންނާ މެދު ކުރިން ވެސް އޮތް ހިޔާލުތަފާތުވުން އަދިވެސް އެބައޮތް ކަމަށެވެ.

"އަޅުގަނޑުމެންގެ ދެ ޕާޓީ ދޭތެރޭގައި ހުރި ހިޔާލު ތަފާތުވުންތައް އަދިވެސް އެބަހުރި. އަޅުގަނޑުމެން މި އުޅެނީ އެއްގޮތަކަށް ވެސް ކައިވެންޏެއް ކުރާކަށް ނޫން. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މި ގައުމުގައި އަޅުގަނޑުމެން ދެބައި މީހުން ވެސް ކަންބޮޑުވާ ކަންތައްތަކެއް ހުރީމާ އެކަންކަން މަޖިލިސް ތެރެއިން މަސައްކަތްކުރެވޭނެ ގޮތެއް ހޯދަން،" ފައްޔާޒު ވިދާޅުވި އެވެ.

އެ ދެ ޕާޓީ ގުޅިގެން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު މަދުކުރަން މަޖިލީހަށް ހުށަހެޅުން ހިމެނޭ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

މީގެއިތުރުން ރޯދަ މަހު މަޖިލިސް އިންތިހާބު ބޭއްވުން ހުއްޓުވަން ގާނޫނަށް އިސްލާހު ހުށަހަޅަން ވެސް އެ ދެ ޕާޓީން ވަނީ އެއްބަސްވެފަ އެވެ.