ކެބިނެޓުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީ އަދި ޑިމޮކްރެޓްސް އިން ނިންމުމުން، ސަރުކާރަށް ތާއީދު ކުރާ ބައެއް މެންބަރުން މަޖިލީހުގެ ތަޅުމުގެ ދޮރުތަކުގައި ތަޅުލައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވަޒީރުންނަށް ރުހުން ދިނުމުގެ ވޯޓަށް އަހަން ތާވަލުކޮށްފައި ވަނީ މިއަދު މެންދުރު 1:30 އަށެވެ.

މަޖިލީހުގެ ތަޅުމަށް ވަދެވެން ހުރި ދޮރުތަކުގައި ތަޅުލައިގެން ސަރުކާރުގެ ބައެއް މެމްބަރުން ތިބީ އެތެރޭގަ އެވެ.

ސަރުކާރަށް ތާއީދު ކުރާ ބައެއް މެންބަރުން ދަނީ މަޖިލީހުގެ ތަޅުމުގައި އަޑުގަދަކުރާ ތަކެތި ހިފައިގެން ހަރަކާތްތެރިވަމުންނެވެ. މަޖިލީހުގެ ރައީސްގެ ގޮނޑީގައި އިންނެވީ ކުރިން އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުރެފައި ދާދި ފަހުން ޕީއެންސީއަށް ބަދަލުވި ކަނޑިތީމުގެ ދާއިރާގެ މެންބަރު ހުސެއިން ޝަހީމެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ހަތަރު ވަޒީރަކަށް ރުހުން ނުދިނުމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ތްރީ ލައިން ވިޕެއް ވަނީ ނެރެފަ އެވެ.

މި ހަތަރު ވަޒީރުންނަކީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އިސްލާމިކް މިނިސްޓަރު މުހައްމަދު ސައީދާއި ބަންޑާރަ ނައިބު އަހުމަދު އުޝާމެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ބައްދަލުވުމުގައި ނިންމާފައި ވަނީ އެ ވަޒީރުންނަށް ރުހުން ނުދިނުމަށް ރެޑް ލައިން ވިޕެއް ނެރުމަށެވެ.

އެގޮތަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

މީގެއިތުރުން ރައީސް މުއިއްޒުގެ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ އަނެއް 18 ވަޒީރުންނަށް ރުހުން ދިނުމާ މެދުގައި މެމްބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދޭ ގޮތަށް ވެސް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ވަނީ ނިންމައިފަ އެވެ.