ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުންނަށް ހަމަލާދީ، ބައެއް މެމްބަރުންނަށް މަރުގެ އިންޒާރުދީފި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރަކު ވިދާޅުވީ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާއަށް ފޯނުން ގުޅައި އޭނާ އާއި އޭނާގެ އަނބިދަރިން މަރާލާނެ ކަމުގެ އިންޒާރުދީފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ ސައިކަލްގައި ވަޑައިގަންނަވަނިކޮށް، ބަޔަކު އޭނާއަށް ހަމަލާދީފައިވާ ކަމަށެވެ. މީގެއިތުރުން އެމްޑީޕީގެ ބައެއް މެމްބަރުން މަޖިލިސްގެ ގޯތިތެރޭގައި ތިއްބަވަނިކޮށް އެ ބޭފުޅުންނަށް އަމާޒުކޮށް ގާ އުކާފައިވާ ކަމަށެވެ.

އެމްޑީޕީގެ މެމްބަރުންނަށް ހަމަލާދީ، އިންޒާރުދެމުން ދަނީ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމާފައި ވަނިކޮށެވެ. ވެރިކަންކުރާ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އިސްވެ ހުންނަވައި މަޖިލިސް ދޮށުގައި މިއަދު ވަނީ މުޒާހަރާކޮށްފަ އެވެ.

އެމްޑީޕީން ނިންމާފައި ވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި ބަންޑާރަ ނައިބު އަހުމަދު އުޝާމާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރަށެވެ.