މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މިދިޔަ ސަރުކާރުން ހިއްކަން ފެށި ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް މިހާރު ހުއްޓިފައިވަނީ މިދިޔަ އަހަރު ފައިސާ ދައްކަންޖެހޭ ބިލުތަކަކަށް ފައިސާ ނުދައްކާ އޮތުމުން ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ހުއްޓިފައި އޮންނަތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. މިމަސައްކަތް ހުއްޓިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާއި އޮކްޓޫބަރު މަހުގެ ބިލްތަކަކަށް ފައިސާ ނުދައްކާ ހުރުމުން ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ގިރާވަރު ފަޅުން ހިއްކަން ނިންމާފައިވާ 160 ހެކްޓަރުގެ ބިމުގެ ތެރެއިން 50 ހެކްޓަރުގެ ބިން މިހާރު ހިއްކާފައިވާ ކަމަށެވެ.

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް

ގިރާވަރުފަޅު ހިއްކަން ބޮސްކާލިސްގެ މި ސަރަހައްދުގެ ޕާޓްނަރު ސީއެމްސީއާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހަވާލުކޮށްފައިވަނީ މިމަޝްރޫއަށް ހިނގާ ހަރަދުގެ އެއްބައި ދައުލަތުން ހަރަދުކުރާ ގޮތަށާއި ބާކީ ހަރަދު ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ނުވަތަ މަޝްރޫއު ހިންގާ ފަރާތުގެ ފައިސާގައި ކުރިއަށް ގެންދިއުމަށެވެ. މިމަޝްރޫއަށް ކޮންޓްރެކްޓާ އަތުން ހަރަދުކުރާތީ އެ ހަރަދު ފޫބެއްދުމަށް ކޮންޓްރެކްޓަރަށް ސަރުކާރުން ވަނީ ނ. އަތޮޅުން ދެ ފަޅެއް 99 އަހަރަށް ދޫކޮށްލާފަ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މާލޭގެ މީހުންނަށް ގޯތި ދޭން ހިއްކަން ފެށި ގިރާވަރު ފަޅަށް 50 ހެކްޓަރުގެ ބިން އިތުރުކުރަން ނިންމައި މިދިޔަ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެކަން އިއުލާން ކުރައްވައިފަ އެވެ.

މި ސަރުކާރުގެ ތަސައްވުރަކީ ރަސްމާލެ އާއި ގުޅިފަޅު އަދި ގިރާވަރު ފަޅު ހިމެނޭ ގޮތަށް ގޯއްޗާއި ފްލެޓް ހިމެނޭ 65،000 ހައުސިން ޔުނިޓް އުފެއްދުމެވެ.