ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނަށް ރުހުން ދިނުމަށް މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ހިންގި ހަމަނުޖެހުންތައް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކްޓިން ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ނާފިޒު ވިދާޅުވީ މަޖިލިހުގެ ތަޅުމުގައި ހިނގައިދިޔަ މާރާމާރީގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ހަމަނުޖެހުމުގައި އަނިޔާވި ބައެއް މެމްބަރުން ވެސް އެ މައްސަލަ ފުލުހުންގެ އިދާރާ އަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ދުވަހު ހިނގައިދިޔަ ކަންތައްތަކަށް ފަހު ބައެއް މެމްބަރުންނަށް އިންޒާރު ލިބިފައިވާތީ އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށް ނާފިޒު ވިދާޅުވި އެވެ.

މަޖިލިހުގެ ތެރޭގައި ހަމަނުޖެހުން ހިންގީ މި ސަރުކާރުގެ ވަޒީރުންތަކަކަށް ރުހުން ނުދިނުމަށް އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް އިން ނިންމާފައި ވަނިކޮށެވެ. އެމްޑީޕީން ނިންމީ ބަންޑާރަ ނައިބު އަހުމަދު އުޝާމާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ރުހުން ނުދިނުމަށެވެ.

ޑިމޮކްރެޓްސް އިން ނިންމީ އުޝާމާއި ޝަހީމާއި ހައިދަރުގެ އިތުރުން ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް ރުހުން ނުދިނުމަށެވެ. އެހެންވެ، ޕީޕީއެމް/ޕީއެންސީގެ ބައެއް މެމްބަރުން ވަނީ މަޖިލިހުގެ ޖަލްސާ ހުއްޓުވައި ބައެއް ތަކެއްޗަށް ގެއްލުން ދީފަ އެވެ.

އެ ހަމަނުޖެހުން އެންމެ ބޮޑަށް ހިނގީ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާ އާއި ކަނޑިތީމު ދާއިރާގެ ޕީއެންސީގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމްއާ ދެމެދުގަ އެވެ. އެގޮތުން ޝަހީމް ވަނީ އީސަގެ ފައިގައި ހިފައި ކޮއްޕާލަން މަސައްކަތްކޮށްފަ އެވެ. އަދި ފަހުން އީސަ ވަނީ ޝަހީމްގެ ބިންމަތީގައި އޮއްވައި ކަކުލުން ކަރާ ދިމާލަށް ފައިން އަރައިފަ އެވެ.

މަޖިލިހުގައި ހިންގި ހަމަނުޖެހުންތަކުގައި ބައެއް މެމްބަރުން ޒަހަމްވި އެވެ. އެގޮތުން ޝަހީމަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދިން އިރު، މަތިވެރި ދާއިރާގެ ޕީއެންސީ މެމްބަރު ހަސަން ޒަރީރުގެ އަތަށް ވެސް އަނިޔާ ލިބުނެވެ.