އިންސާނީ އެހީތެރިކަމާއި, ސިއްހީ ބޭނުންތަކަށް މީހުން އުފުލުމަށްޓަކައި އިންޑިއާގެ ޑޯނިއާ އަދި ހެލިކޮޕްޓަރު ބޭނުން ކުރުން ކުރިއަށް ގެންދަން ރާއްޖެ އާއި އިންޑިއާއިން މިއަދު އެއްބަސްވެއްޖެ އެވެ.

އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމާ ބެހޭގޮތުން މަޝްވަރާކުރުމަށް އެކުލަވާލާފައިވާ ހައި ލެވެލް ކޯ ގްރޫޕުގެ ދެވަނަ ބައްދަލުވުމުގައި ވަނީ މިކަމަށް އެއްބަސްވެފަ އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނީ, އިންސާނީ އެހީތެރިކަމާއި ސިއްހީ ބޭނުންތަކަށް މީހުން އުފުލުން ފަދަ ކަންކަމަށް އިންޑިއާގެ ޑޯނިއާ އަދި ހެލިކޮޕްޓަރު އޮޕަރޭޝަންތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި މަސައްކަތްކުރެވޭނެ ގޮތްތަކެއް ކަނޑައެޅުމަށް އެއްބަސްވެފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި އިތުރު ކަންކަމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާ ކުރެވިފަ އެވެ. އެގޮތުން އެކި ދާއިރާތަކުން ދެ ގައުމު ދެމެދު ގުޅުން ބަދަހި ކުރުމާ ބެހޭގޮތުން މަޝްވަރާކޮށްފައިވެ އެވެ.

މިއަދުގެ ބައްދަލުވުމާ ގުޅޭގޮތުން ދިވެހި ސަރުކާރުން އެއްވެސް އެއްޗެއް އަދި ނުބުނެ އެވެ.

އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމާ ގުޅޭގޮތުން ބޭއްވި ހައި ލެވެލްގެ ފުރަތަމަ ބައްދަލުވުން ބޭއްވީ މާލޭގަ އެވެ. އެކަމުގެ ތިން ވަނަ ބައްދަލުވުން ބާއްވަން ނިންމާފައި ވަނީ ވެސް މާލޭގަ އެވެ.