ސަރުކާރު ރަނގަޅު މަގުން ކައްސާލައިގެން ދާ ހާލަތްތަކުގައި މަޖިލީހުގައި ތިބި ވެރިކަން ކުރާ ޕާޓީގެ މެމްބަރުންނާއި ސަރުކާރުގެ މެމްބަރުން އެކަން ދިފާއުކުރަން ނިކުންނަން ނުޖެހޭކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ ރައީސް ޔާމީން އަލަށް އުފައްދަވާ ޕާޓީ ޕީއެންއެފް ގެ ފަރާތުން ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަ ކުރެއްވުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކެނޑިޑޭޓުން ތައާރަފް ކުރުމަށް ބޭއްވި ޖަލްސާގައި ކެންޑިޑޭޓަކާ ކުރެއްވި ސުވާލެއްގެ ތެރެއިންނެވެ.
ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޒިންމާއަކީ ރައްޔިތުން ބޭނުންވާ އަދި ފައިދާ ހުރި މިންވަރަކަށް ބަލައި ގާނޫނުގެ ތަނަވަސްކަން ގެނައުން ކަމަށެވެ. އަދި ސަރުކާރާއި ގާނޫނީ އިމުގެ ތެރޭގައި ތާށިވެފައި މަޖިލިސް މެމްބަރުން ތިބެގެން ނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައްޔިތުންނަށް ލިބިދޭ އެއްތައް ހައްގެއް، މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބިއްޖެނަމަ ހަނިކުރާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ސަރުކާރަށް ބޮޑު މެޖޯރިޓީއެއް ދިނުމުގެ ނަތީޖާއަކީ ސަރުކާރާއި ވެރިކަން ކުރާ ޕާޓީ ޖަވާބުދާރީ ނުކުރުވުންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައްޔިތުންގެ ހައްގުތައް ފުރިހަމަ ގޮތުގައި ހިމާޔަތް ކުރުމުގެ ގޮތުން، އެ ރައްޔިތުންގެ ހައްގުތަކާއި މެދު ވިސްނައި ވަކާލާތު ކުރަން ޖެހޭކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ މަޖިލީހުގައި މެމްބަރުންނަށް އޮތް ޒިންމާ މާ ބޮޑުކަމަށާއި، އިސްކަން ދޭންވީ އެ ކަންކަމުގެ މައްޗަށް ކަމަށެވެ.
މީގެއިތުރުން ރައީސް ޔާމީން ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން "އިންޑިއާ އައުޓް" ހަރަކާތްތައް އެއީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ނިންމަވައި ނެރުއްވި ގަރާރަށް ފާޑުވިދާޅުވެފަ އެވެ.
ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާކަމަށް ގަބޫލު ކުރެވި، އިންޑިއާގެ ސިފައިން ފޮނުވާލުމަށް ކުރެވުނު މަސައްކަތްތަކާއި އެކަމަށް އަޑުއުފުލުމުން އާންމު ރައްޔިތުން ހިފާ ހައްޔަރުކޮށް އޭރުގެ ސަރުކާރުން ކުރީ ފުލުހުންގެ މަސައްކަތާއި ވާޖިބަށް ހުރަސް އެޅުމުގެ ތުހުމަތު ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.