ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތައްޔާރު ކޮށްފައިވާ ފްލެޓު ލިސްޓެއް ނޫން ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އޭސީސީގެ ލޯގޯ ހިމަނައިގެން ނެރެފައިވާ އެ ލިސްޓް މިއަދު "އެކްސް" ގައި ވަނީ ދައުރުވެފަ އެވެ.

އެ ކޮމިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އެ މައްސަލާގައި ތަހުގީގުގެ ބޭނުމަށް ތައްޔާރު ކޮށްފައިވާ ލިސްޓެއްގެ މައުލޫމާތު މިހާތަނަށް ހިއްސާ ކޮށްފައި ވާނީ ހައުސިން މިނިސްޓްރީ އާއި ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ.

މިހާތަނަށް ހާމަކުރެވެން ހުރި މައުލޫމާތުތައް މީޑިއާއާ ހިއްސާ ކުރުމުގެ އިތުރުން އެއްވެސް ލިޔެކިޔުމެއް އެއްވެސް ފަރާތަކަށް ހިއްސާ ކޮށްފައި ނުވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

"...ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅުވާލުމަށް މީސްމީޑިއާގައި ހަގީގަތާ ހިލާފު ވާހަކަ ފެތުރުމަކީ ރައްޔިތުންގެ ހިތުގައި ނަފުރަތާއި ރުޅިވެރިކަން އުފެއްދުމަށް ކުރާ ނާތަހުޒީބު، ޒިންމާދާރުކަން ކުޑަ ކަމަކަށްވާތީ، އެކަމާ މެދު މި ކޮމިޝަނުން އިންތިހާއަށް ކަންބޮޑުވާ ވާހަކަ ދަންނަވަމެވެ،" އޭސީސީން ނެރުނު ބަޔާނުގައި ވެ އެވެ.

އޭސީސީން ބުނެފައި ވަނީ ފްލެޓް ލިބުނު 4000 މީހުންގެ ތެރެއިން 60 ޕަސެންޓް މީހުން ޝަރުތު ހަމަނުވާ ކަމަށެވެ.