އެމަނިކުފާނު މިނިވަން ކުރެވޭނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް މެޖޯރިޓީ ލިބިގެން ކަމަށް ސަރުކާރުގެ ބައެއް ބޭފުޅުން، ރައްޔިތުންނަށް ވިސްނައިދެއްވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ އެމަނިކުފާނު މިނިވަން ކުރެވެން އަންނަނީ މަޖިލީހުގެ މެޖޯރިޓީ ލިބި އަދި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ވެސް ލިބިގެން ކަމަށް މި ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ރަށްރަށުގައި ތިބި ޕީއެންއެފްގެ ފިކުރުގެ މީހުންނަށް ވިސްނައިދެމުން އަންނަ ކަމަށެވެ.

އަދި އެކަން ސަބަބަކަށް ދައްކައިގެން މަޖިލިހުގެ ގޮނޑިތައް ސަރުކާރަށް ހޯދައި ދޭން މަސައްކަތް ކުރާ ކަމަށް ޔާމީން ތުހުމަތު ކުރެއްވި އެވެ.

"އަޅުގަނޑުމެންގެ ފިކުރުގެ މީހުންނަށް ވިސްނައިދެމުންދާ ކަމަށް މިވަނީ، ރައީސް ޔާމީން ކޯޓުގެ ތެރެއިން މިނިވަން ކުރެވެން މި އަންނަނީ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ތިމަންނަމެންނަށް ލިބިގެން، ޖޭއެސްސީ ތިމަންމެންނަށް ލިބިގެން، އެހާ ހިސާބުންނޭ ރައީސް ޔާމީން މިނިވަން ކުރެވެން މި އަންނަނީ،" ޔާމީން ވިދާޅުވި އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ސާބިތުވެ ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ހުކުމް އިއްވާފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގަ އެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން އަދިވެސް ޔާމީން ގެންދަވަނީ ޖަލު ހުކުމް ތަންފީޒު ކުރައްވަމުންނެވެ. އެކަމަކު، ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ޔާމީން މިނިވަން ކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ވައުދެކެވެ.

ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފް ކުރެއްވި އިރު،އިސްތިއުނާފް ޝަރީއަތްތައް މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ވަނީ ނިންމާލައިފަ އެވެ. އެ މައްސަލައިގައި ކުރިއަށް އޮތީ ހުކުމް އިއްވުމަށް ބާއްވަން ޖެހޭ ޝަރީއަތުގެ މަޖިލިހެވެ. އެކަމަކު، މިއަދާ ހަމައަށް އައިއިރު ވެސް އެ މައްސަލައިގައި ހުކުމް އިއްވުމަށް ހައި ކޯޓުން ޝަރީއަތުގެ އަޑުއެހުމެއް ތާވަލްކޮށްފައެއް ނުވެ އެވެ.

އެހެންވެ، ޕީއެންއެފުން ދެކޭ ގޮތުގައި ޔާމީންގެ ހުކުމާ މެދުގައި ގޮތެއް ނުނިމި ލަސް ކުރަނީ ސަރުކާރުން ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވަމުންދާތީ އެވެ.