ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ މެދު ދާއިރާއަށް ނޫސްވެރިޔާ އަހްމަދު މުޖުތަބާ ކުރިމަތިލައްވައިފި އެވެ.

މާލޭ ދަފްތަރުގެ ރަޖިސްޓްރީގައި އޮންނަ މުޖުތަބާ އަށް ލިބިފައި ވަނީ ކެންޑިޑޭޓް ނަންބަރު 1 އެވެ.

މުޖުތަބާ ވިދާޅުވީ މާލޭގެ ދަފްތަރަކީ ޒަމާނުއްސުރެ ފޮތެއްގައި ލިޔެވިފަވާ ނަންތަކެއް ކަމަށެވެ. އެއީ އަޑެއްނެތް، ބާރެއް ނެތް، ތަމްސީލު ކުރާނެ މަޖިލިސް މެންބަރެއް ނެތް ދިވެހި ރައްޔިތުންތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދަފްތަރު މީހުންގެ ވޯޓްތަކަކީ އެއިރަކު ސިޔާސީގޮތުން ފައިދާ ހުރި ގޮތަކަށް ބޭނުންކުރާ ވޯޓް ތަކެއް ކަމަށާއި އުފަން ރަށުގެ ރަށްވެހިކަން ދޫކޮށްލައި މާލޭގެ ރައްޔިތުންނަށްވީ ތައުލީމާ، ބޭސްފަރުވާއާ ދަރިންނަށް ކިޔަވައިދިނުމާ، ވަޒީފާ އަދާކުރަން ދާއިމީ ގޮތެއްގައި މާލޭގައި އުޅެން މަޖުބޫރުވެގެން ކަމަށެވެ. އެހެންނަމަވެސް ދިވެހި ރައްޔިތުންނަށް ވީތީ ލިބެންޖެހޭ ބައެއް ހިދުމަތް ތަކުގައި ދަފްތަރު މީހުންނަކީ ދެވަނަ ދަރަޖައިގެ ރައްޔިތުންކަން ފެނިގެން ހިނގައްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.

"2022 ވަނަ އަހަރުގެ ބިންވެރިޔާ ސުކީމުން އަޅުގަނޑުމެންނަށް މާލޭ ރައްޔިތުންނަށް ލިބުނު ހައްގު ނުލިބުން އެއީ އޭގެ އެއް މިސާލެވެ. މިކަމަށް ހައްލެއް ހޯދުމަށް "ރައިޒް އާރް ޓީ" ގެ ނަމުގައި މޫވްމަންޓެއް ނުވަތަ ހަރަކާތެއް ދަފުތަރުގެ ރައްޔިތުންގެ ހައްގުގައި އަޅުގަނޑާ އަޅުގަނޑުމެންގެ ޓީމުން ވާނީ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ. ކެނޑިނޭޅި ކުރި މި މަސައްކަތުގައި އެތައް ގޮންޖެހުމަކާ ކުރިމަތި ލާންޖެހުނު ނަމަވެސް މިއީ މިހާރު ރައްޔިތުންގެ މަޖިލީހުގައި މި ދާއިރާ ތަމްސީލުކުރާނެ މެންބަރެއް ހުންނާނެ ދާއިރާއެކެވެ.އިލެކްޝަންސް ކޮމިޝަނާއެކު ކުރެވުނު މަޝްވަރާއިން އަޅުގަނޑުމެންގެ ހައްގުތައް ހޯދުމުގެ ފުރަތަމަ މަރުހަލާ އަދި އެންމެ މުހިއްމު މަރުހަލާ މިވަނީ ކާމިޔާބު ކުރެވިފައެވެ. އަޅުގަނޑު ވާނި ފަރުދީގޮތުންނާ އަދި ޓީމެއްގެ ގޮތުގައި މިމަސައްކަތުގައި އިސް ރޯލެއް އަދާކޮށްފައެވެ،" މުޖުތަބާ ވިދާޅުވި އެވެ.

މި ފެށުނު މަސައްކަތް ގާނޫނުގެ ތެރެއިންނާއި އުސޫލުތަކުގެ ތެރެއިން އިތުރަށް ފުރިހަމަކޮށް އެ ދާއިރާއަށް ނުލިބިވާ އެތައް ހައްގެއް ހޯދުމަށް "ރައިޒް އާރްޓީ" ގެ އިސް ދެމެންބަރުން 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމަށް އެދި ދަފުތަރުގެ ހުޅުމާލެ ދާއިރާގެ ގިނަ ރައްޔިތުން އެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ އެ ދާއިރާއަށް ކުރިމަތިލެއްވީ ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށް ވެސް މުޖުތަބާ ވިދާޅުވި އެވެ.

" މި އިންތިޚާބު އަޅުގަނޑަށް ކާމިޔާބު ކުރެވިއްޖެ ނަމަ އަޅުގަނޑު މަސައްކަތް ކުރާނީ ދަފްތަރުގެ އިތުރުން މިދާއިރާގައިވާ ހުޅުމާލެ ރައްޔިތުން ތަމްސީލުކުރާ މިނިވަން މެންބަރެއްގެ ގޮތުގައެވެ. ސަރުކާރުންނާއި، އިދިކޮޅުންވެސް ރައްޔިތުންގެ ހައްގުގައި، ރައްޔިތުންގެ ހެވާލާބައަށްޓަކައި މަޖުލީހުގައި ކުރާ ކޮންމެ މަސައްކަތެއްގައި އަޅުގަނޑުގެ ފުރިހަމަ އެއްބާރުލުން ދޭނަމެވެ،" މުޖުތަބާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލީހަށް އިންތިހާބުވެއްޖެނަމަ ދަަފަތަރުގެ ރައްޔިތުންނާއި ހުޅުމާލޭގެ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާފަ އެވެ.

"މިނިވަން ކެންޑިޑޭޓަކަށް ވުމުން އަޅުގަނޑު ތަބާވާންޖެހޭ ވިޕްލައިނެއް ނޯންނާނެއެވެ. އަޅުގަނޑުގެ ވިޕްލައިނަކީ މި ދާއިރާގެ ރައްޔިތުންގެ ހައްގުތަކެވެ. އަޅުގަނޑު ހިމާޔަތްކުރާން ޖެހޭ ވިޔަފާރިއެއް އަދި ވިޔަފާރިވެރިއެއް ނުހުންނާއެވެ. އަޅުގަނޑު ހިމާޔަތް ކުރަން އޮންނާނީ ދާއިރާގެ ރައްޔިތުންނާއި ގައުމުގެ މަސްލަހަތެވެ. އަޅުގަނޑުގެ އުންމީދަކީ މިފަހަރު މި ދާއިރާގެ ރައްޔިތުންނަށް އަލަށް ލިބިފައިވާ މިދާއިރާގެ ވޯޓު ލުމުގެ ހައްގުގެ ބޭނުން ފުރިހަމައަށް ހިފައި، ތިޔަ އެންމެހާ ރައްޔިތުންގެ ހައްގުގައި ރައްޔިތުންގެ މަޖިލީހުގައި ވަކާލާތުކޮށް، އެ ޙައްޤުތައް ކަށަވަރުކުރުމަށް ބޭނުންވާ ގާނޫނީ މަސައްކަތްތައް ކުރުމުގެ ފުރުސަތު އަޅުގަނޑަށް ދެއްވުމެވެ. މިދާއިރާގެ ރައްޔިތުންނަށް ލިބިފަވާ ފުރުސަތަކީ މުޅި ޤައުމަށް ނަމޫނާ ދެއްކުމުގެ ފުރުސަތަކެވެ،" މުޖުތަބާ ވިދާޅުވި އެވެ.