މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ބޭނުންނުކޮށް ގިނަދުވަސްވަންދެން ބަހައްޓާފައި ހުރި އެއްގަމު އުޅަނދުތައް ޓޯކޮށް، ނައްތާލުމުގެ މަސައްކަތް މާދަމާ ފަށަން ނިންމައިފި އެވެ.

މިއީ އެއްގަމު އުޅަނދު ތޮއްޖެހުމުގެ ސަބަބުން މާލެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ފަށާ މަސައްކަތެކެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ މި މަސައްކަތުގެ ދަށުން މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ބޭނުންނުކޮށް ގިނަދުވަސްވަންދެން ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ އުޅަނދުތައް ދެނެގަނެ ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އެ އުޅަނދުތައް މަގުމަތިން ނަގައި ނައްތާލުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

އެ މަސައްކަތް ކުރުމަށް ހަމަޖެހިފައިނީ މާލޭ ސިޓީ ކައުންސިލާއި އެޗްޑީސީ އާއި ވެމްކޯ އަދި ފުލުހުން ގުޅިގެންނެވެ.

މާލެ އާއި ހުޅުމާލޭގެ މަގުތަކަށް އުކާލާފައިވާ، ބާވެ، ގިނަ ދުވަހު ނުދުއްވާ ހުންނަ ވެހިކަލްތައް ތަކުގެ ސަބަބުން ވެހިކަލްތައް ޕާކްކުރުމަށް ދަތިތަކާ ކުރިމަތިލާންޖެހެ އެވެ.