ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކޮވިޑް ވެކްސިން ޖައްސަވައިފި އެވެ.

ސެނެހިޔާ ހޮސްޕިޓަލުގައި މިއަދު މެންދުރުގެ ވަގުތެއްގައި ސެނަހިޔާއިން ރައީސް މައުމޫން ވެކްސިން ޖައްސަވާފައިވާއިރު، އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ވެސް ވަނީ ކޮވިޑް ވެކްސިން ޖައްސަވާފަ އެވެ.

ރައީސް މައުމޫން ވެކްސިން ޖައްސަވަނިކޮށް ނަންގަވާފައިވާ ފޮޓޯއަކާއެއް ހިއްސާކުރައްވާ ކުރެއްވި ޓުވިޓުގައި ވަނީ، އެންމެން ވެސް ކޮވިޑާ ދެކޮޅަށް ވެކްސިންޖަހާ ރައްކާތެރިކަން ހޯދުމަށް އިލްތިމާސްކުރައްވާފަ އެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހު ރައީސް މައުމޫނަށް ކޮވިޑްގެ އާލާސްކަން ޖެހިވަޑައިގެން ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްވެ ފަރުވާ ހޯއްދެވި އެވެ. އަދި ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު ރައީސް މައުމޫން ބަލިން ފަސޭހަވެ ހޮސްޕިޓަލުން ގެއަށް ވަޑައިގެން ދަރުމަވަންތަ ހޮސްޕިޓަލުގެ ސިއްހީ ހިތުމަތްތެރިންނަށާއި އެހެނިހެން މުއައްޒަފުންގެ ހިދުމަތަށް ޝުކުރު އަދާކުރެއްވި އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރުދަނީ ކޮވިޑާއި ދެކޮޅަށް އެސްޓްރަޒެނެކާއިން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން ދެމުންނެވެ. މިއަދު އުމުރުން 45 އަހަރާއި 55 އަހަރާ ދެމެދުގެ ހައި ރިސްކް ކެޓެގަރީގެ މީހުންނަށް ވެކްސިން ދޭން ފައްޓާފައިވާއިރު އިއްޔެގެ ނިޔަލަށް ވަނީ ޖުމްލަ 16،251 މީހުންނަށް ވެކްސިންދީފަ އެވެ.