އެމަނިކުފާނުގެ ސަރުކާރުން ލޯން ނަގަމުން ދާނީ ރައްޔިތުންގެ ޖީބަށް ފައިސާ ވަންނަ ގޮތަށް ނުވަތަ ރައްޔިތުން މުއްސަނދިވާ ގޮތަށް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަރަދޫ އައި މަރަދޫފޭދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ މިދިޔަ ނޮވެމްބަރު 17 ގައި ވެރިކަމަށް ވަޑައިގެންނެވި އިރު، ގައުމު އޮތީ އިގްތިސާދީ ވަރަށް ބޮޑު އަނދަވަޅެއްގެ ތެރޭގައި ކަމަށެވެ. އެގޮތުން ރާއްޖޭގެ ދަރަނި 120 ބިލިއަނަށް އަރާ ކަން ފާހަގަ ކުރެއްވި އެވެ.
"މިހާރު އެކަން އެގޮތަށް ކުރި ފަރާތްތަކުން އެކަންކަން އެހެން ނެތް ކަމަށް ރައްޔިތުންނަށް ވިސްނައިދޭން އުޅޭ އުޅުން އެއީ ހައިރާން ވާން ޖެހޭ ކަމެއް. 120 ބިލިއަން ރުފިޔާގެ ބޮޑު ދަރަންޏެއް، މިއިން ޒަމާނަކު ރާއްޖޭގެ އިގްތިސާދު ނުވެއްޓޭހާ ބޮޑު އަނދަވަޅަކަށް ވެއްޓިފައި އޮތީ. އެތައް ސަތޭކަ ބިލިއަން ޑޮލަރެއްގެ ލޯން ކޮންމެ އަހަރަކު ނަގަމުން ދިޔައީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ސަރުކާރަށް ވެސް މަސައްކަތް ކުރެވޭނީ އެކި ކަހަލަ ލޯނާއި ފެސިލިޓީތައް ހޯދައިގެން ކަމަށާއި މީގައި މައްސަލައަކަށް ވަނީ ކުރިން ނެގި ލޯންތަކުން ރައްޔިތުންނަށް ލިބުނު ފައިދާއެއް ނެތީމަ ކަމަށެވެ.
"ރައްޔިތުންނަށް އެންމެ ލާބަ އާއި މަންފާ ލިބޭ ގޮތަށް އެކަން ކުރުމަކީ އަދި ތަފާތު ކަމެއް. މިދިޔަ ދުވަސްތަކުގައި ނެގިފައި ހުރި ލޯންތައް ނަގާފައި ހުރީކީ އެގޮތަކަށް ނޫން. އެ ނެގުނު ލޯންތަކުން ކުރަމުންދާ މަސައްކަތްތަކުން ރައްޔިތުންނަށް އެ މަޝްރޫއުތަކުން ވާ ފައިދާ ވަރަށް ކުޑަ،" ރައީސް ވިދާޅުވި އެވެ.
ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުން މިސާލު ނަންގަވައި ރައީސް ވިދާޅުވީ އެ މަޝްރޫއަކީ ވެސް ލޯނާއި ހިލޭ އެހީގެ ތެރެއިން ހިންގުނު މަޝްރޫއެއް ކަމަށެވެ. އެކަމަކު، އެ މަޝްރޫއު ހިންގުނީމަ، ދިވެހި ރައްޔިތުން ދިޔައީ މުއްސަނދިވެގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އޭގެ މެޓީރިއަލް ހޯދުން ކަމަށްވިޔަސް، ލޮޖިސްޓިކަލް މަސައްކަތް ވިޔަސް އެ މަސައްކަތަށް އައިސް އުޅުނު މުވައްޒަފުންނަށް ކާބޯތަކެތި ގަތުން ކަމަށް ވިޔަސް، ކުދި ކުދި ކަންކަމުން ގޮސް އެކިއެކި ކަންކަމުގައި ރައްޔިތުންނަށް، ރާއްޖޭގެ އެކި ކުންފުނިތަކަށް އެކަމުގައި އުޅެން ފުރުސަތު ލިބުނު މަޝްރޫއެއް އެއީ،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރުން މަޝްރޫއުތައް ކުރިއަށް ގެންދާ އިރުގައި ނަގަން ޖެހޭ ލޯނެއް ވިއްޔާ ނަގަމުން ދާނީ ރައްޔިތުންނަށް މުއްސަނދިކަން ލިބޭ ގޮތަށް ކަމަށެވެ. އެ ނަގާ ލޯނެއް ވެއްޖެއްޔާ ނަގާނީ ދިގު މުއްދަތަކަށް ބަހާލައިގެން ވީހާވެސް ލުއި ގޮތަކަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ސަރުކާރުން ޗައިނާ އާ އެކުގައި ދާދި ފަހުން ހެދި 20 އެއްބަސްވުމުގައި ވެސް ހުންނާނީ އެގޮތަށެވެ.