ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންވާންޖެހޭ ކަމަށް ވިދާޅުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު އަނެއްކާވެސް ވާހަކަފުޅު ދައްކަވަނީ މަޖިލިސް އިންތިހާބާ ދިމާކޮށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޖަމީލް ވަނީ އިންތިހާބާ ދިމާކޮށް ޔާމީންގެ ވާހަކަ ދައްކަވާއިރު، އެމަނިކުފާނު މިނިވަންކުރުމާ ގުޅޭގޮތުން ވީ ވައުދު ކޮބައިތޯ ސުވާލު އުފައްދަވާފަ އެވެ.

ޑރ. ޖަމީލް ވިދާޅުވީ ދެން ރައްޔިތުން ގުނބޯ ނުހެއްދޭނެ ކަމަށެވެ.

މީގެއިތުރުން ކޯޓުގެ ފަނޑިޔާރަކަށް ސީދާ ސަރުކާރުން ނުފޫޒުފޯރުވަމުން އަންނަ ކަމަށް ވެސް ޑރ. ޖަމީލް ތުހުމަތު ކުރެއްވި އެވެ.

އައްޑޫ ސިޓީ ފޭދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު މިރޭ ވިދާޅުވީ އެމަނިކުފާނުގެ އުންމީދަކީ ޝަރީއަތުގެ ތެރެއިން ދާދި އަވަހަށް އެމަނިކުފާނަށް އިންސާފު ލިބިގެންދިޔުން ކަމަށެވެ.

ޔާމީނަށް އިންސާފު ނުލިބި ލަސްވުމަކީ ގައުމަށް ހަމަޖެހުން ލިބޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.