ހުރިހާ އުމުރެއްގެ މީހުންނަށް ވެސް އޮކްސްފޯޑް އެސްޓްރަކެނެކާ ވެކްސިން ޖެހުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ލަފާދީފި އެވެ.

ސައިންވެރިން ވިދާޅުވާގޮތުގައި އޭގެ ތެރޭގައި އުމުރުން 65 އަހަަރުން މަތީގެ މީހުން ހިމެނެ އެވެ.

ޑަބްލިއުއެޗްއޯގެ ސްޓެރެޓެޖިކް އެޑްވައިޒަރީ ގްރޫޕް އޮފް އެކްސްޕާޓްސް (ސޭޖް)އިން ބުނާގޮތުގައި މިވެކްސިން އުމުރުން 18 އަހަރުން މަތީގެ، ވަކި އުމުރެއް ނެެތް ގޮތަށް ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ދެވޭނެ އެވެ.

"އޭގެ މާނައަކީ އުމުރުން 65 އަހަރުން މަތީގެ މީހުންނަށްވެސް މިވެކްސިން ދެވޭނެއޭ،" އެޑްވައިޒަރީ ގޮރޫޕްގެ ޗެއާމަން ޑރ. އެލެޖަންޑްރޯ ކްރެވިއޯޓޯ ވިދާޅުވި އެވެ.

ޑަވްލިއުއެޗްއޯގެ ސައިންވެރިން މިގޮތަށް އިރުޝާދުދެއްވާފައި މިވަނީ، ގިނަ ގައުމުތަކަކުން މިވެކްސިން 65 އަހަރުން މަތީގެ މީހުންނަށް ނުދޭން ނިންމާފައި ވަނިކޮށެވެ.

ފްރާންސް، ޖަރުމަން އަދި ސްވިޑެން ފަދަ ޔޫރަޕްގެ ބައެއް ގައުމުތަކުން އެސްޓްރަކެވެކާ ދިނުމަށް ހަމަޖެހިފައިވަނީ އުމުރުން 65 އަހަރުން ދަށުގެ މީހުންނަށެވެ. އަދި ސްޕެއިން އާއި ބައެއް އެހެން ގައުމުތަކުން މިވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އުމުރުން 55 އަހަރުން ދަށުގެ މީހުންނަށެވެ.

ސްޕެއިން އިން މިހާރު ވަނީ ފުލުހުންނާއި، ފަޔާ ފައިޓަރުން އަދި އަސްކަރިއްޔާގެ މީހުންނަށް މިވެކްސިން ދޭން ފަށާފަ އެވެ. ނަމަވެސް ސްޕެއިންގެ ސިއްހީ އިދާރާތަކުން ބުދަ ދުވަހު ނެރުނު ގައިޑްލައިންގައި ވަނީ ބޮޑެތި ބަލިތައް ތަހައްމަލްކުރާ އެއްވެސް އުމުރެއްގެ މީހަކަށް މިވެކްސިން ނުދޭނެ ކަމަށެވެ. ސަބަބަކީ، މިވެކްސިން އިން އެ މީހުންނަށް އެއްވެސް އަސަރެއްކުރާ ކަމަށް ދައްކާ ޑޭޓާއެއް ނެތުމުން ކަމަށެވެ.

"އަޅުގަނޑުމެންވަނީ މިހާރުހުރި އެވިޑެންސް ވަރަށް ރަނގަޅަށް ދިރާސާކޮށްފައި. އަދި ކަމުގެ މާހިރުންނާއި، ޓްރަޔަލްގައި ބައިވެރިވި މީހުންނާ ވެސް ވާހަކަ ދައްކާފައި،" ޑރ. ކްރަވިއޯޓޯ ވިދާޅުވި އެވެ.

"ކްލިނިކަލް ޓްރަޔަލްތަކުން ލިބިފައުވާ ޑާޓާއަށް ބަލާއިރު، ބައިވެރިވެފައިވަނީ 65 އަހަރުން މަތީގެ ވަރަށް ކުޑަ އިންސައްތައެއްގެ މީހުން. އެހެންނަމަވެސް، އެފިކަސީ އެސްޓިމޭޓަށް ބަލާއިރު 65 އަހަރުން މަތީގެ މީހުންގެ ކޮންފިޑެންސް އިންޓަވަލް ފުޅާ. އެހެންކަމުން، އަޅުގަނޑުމެންނަށް ހީވާ ގޮތުގައި 65 އަހަރުން މަތީގެ މީހުނަށް ވެކްސިން ޖެމުހުން ނުކުންނަ ނަތީޖާ އެއަށްވުރެ ދަށު އުމުރުގެ މީހުންގެ ނަތީޖާއާ ތަފާތެއް ނުވާނެ،" ޑޮކްޓަރ ވިދާޅުވި އެވެ. "އުމުރުން 65 އަހަރުން މަތީގެ މީހުންނަކީ އަޅުގަނޑުމެންގެ ޕްރަޔޯރިޓައިޒޭޝަން ރޯޑްމެޕްގެ ތެރޭގައި ހިމެނޭ ޕްރަޔޯރިޓީ ގްރޫޕެއް. ސޭފްޓީ އެން އިމިއުނޯޖެނިސިޓީ ޑާޓާއަށް ބަލާފަ އަޅުގަނޑުމެން ލަފާދޭނީ 18 އަހަރުން މަތީގެ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް މިވެކްސިން ދޭން."

އޭގެ މާނައަކީ، އުމުރުން 65 އަހަރުން މަތީގެ މީހުންނަށްވެސް މިވެކްސިން ދޭންވާނެއޭ،" ޑރ. ކްރަވިއޯޓޯ ވިދާޅުވި އެވެ.

މިއަދާ ހަމަޔަށް އެސްޓަރަޒެނެކާ ވެކްސިންގެ 128 މިލިއަން ޑޯޒް ދުނިޔޭގެ އެކިކަންކޮޅުތަކަށް ފޯރުކޮށްދީފައިވެ އެވެ. އޭގެ ތެރެއިން ހަތަރު ބައިކުޅަ ތިންބައި ފޯރުކޮށްދީފައިވަނީ ދުނިޔޭގެ އެންމެ މުއްސަނދި 10 ގައުމުގެ ތެރޭގައި ހިމެނޭ ގައުމަށެވެ.

މީގެ އިތުރުން، ދުނިޔޭގެ 130 ގައުމަކަށް އަދި މިހާތަނަށް އެންމެ ޑޯޒެއްގެ ވެކްސިން ވެސް ލިބިފައި ނުވެ އެވެ.

އާބާދީއަށް ބަލާއިރު އެއީ 2.5 ބިލިއަން މީހުންނެވެ. މިފަރަގު ނައްތާލުމަށް އެސްޓްރަޒެނެކާ ވެކްސިން ވަރަށް ވެސް މުހިންމެވެ. ސަބަބަކީ އެހެން ވެކްސިންތަކާ އަޅާ ބަލާއިރު މިވެކްސިނަކީ އަގުހެޔޮ އަދި ރައްކާކުރަން ފަސޭހަ ވެކްސިނަކަށްވުމެވެ.