މިދިޔަ ސެޕްޓެންބަރު ގައި މީރާއިން 2.69 ބިލިއަން ރުފިޔާގެ އާމްދަނީއެއް ބަލައިގެންފި އެވެ.
މި އަދަދަކީ ސެޕްޓެންބަރު 2026 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %12.7 އިތުރު އަދަދެކެވެ. ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު މިއީ %10.7 ގެ ދަށްވުމެއް ނަމަވެސް، މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ބަލައިގަނެފައިވާ ޖުމްލަ އާމްދަނީއާ އަޅައިބަލާއިރު މިއީ %8.9 ގެ ކުރިއެރުމެކެވެ.
ސެޕްޓެންބަރު 2026 އަށް އަންދާޒާކޮށްފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކަކީ ޖީއެސްޓީއާއި، ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި ލިބުނު އާމްދަނީގެ އިތުރުން ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ނަގާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ.
ހާއްސަކޮށް ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ (ޓީޖީއެސްޓީ) އިތުރުވެފައިވަނީ، މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު %18 އިތުރުވުމާ ގުޅިގެންނެވެ. ހަމައެއާއެކު، ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި ލިބުނު އަދަދު ވެސް ވަނީ އަންދާޒާކުރި މިންވަރަށްވުރެ މައްޗަށް ގޮސްފަ އެވެ. ސެޕްޓެންބަރު 2026 ގައި ލިބިފައިވާ އާމްދަނީގެ %15.8 އަކީ ކުރީގެ ސުންގަޑިތަކަށް ދައްކާފައިވާ ފައިސާ އެވެ. އަދި އާމްދަނީގެ %17.4 ލިބިފައިވަނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުންނެވެ.
ސެޕްޓެންބަރު 2025 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު ސެޕްޓެންބަރު 2026 ގައި ލިބިފައިވާ އާމްދަނީ %10.7 ދަށްވި މައިގަނޑު ސަބަބަކީ، ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ އާއި އާންމުދާއިރާގެ ޖީއެސްޓީ ދަށްވުމެވެ.
ނުލިބި ހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން، ސެޕްޓެންބަރު 2026 ގައި ވަނީ ޖުމްލަ 623 މިލިއަން ރުފިޔާ ހޯދައިފަ އެވެ. މީގެ ތެރޭގައި، ނޯޓިސް ފޮނުވައިގެން 395 މިލިއަން ރުފިޔާ، ޑިއުސް ކްލިއަރެންސްގެ ތެރެއިން 87 މިލިއަން ރުފިޔާ، އަދި އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 123 މިލިއަން ރުފިޔާ ވަނީ ހޯދައިފައިވެ އެވެ. ހަމަމިއާއެކު، ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުގެ ޒަރިއްޔާއިން 10 މިލިއަން ރުފިޔާ، އަދި ބޭންކް އެކައުންޓް ފްރީޒް ކޮށްގެން ވެސް 8 މިލިއަން ރުފިޔާ ވަނީ ހޯދައިފަ އެވެ.
ސެޕްޓެންބަރު 2026 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެއީ %46.8 ނުވަތަ 1.3 ބިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ރިޒޯޓުތަކުގެ ކުލިންނެވެ. އެއީ %15.8 ނުވަތަ 424 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން، އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 213 މިލިއަން ރުފިޔާ (%7.9)، ގްރީން ޓެކުހުގެ ގޮތުގައި 202 މިލިއަން ރުފިޔާ (%7.5)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި177 މިލިއަން ރުފިޔާ (%6.6)، އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި 173 މިލިއަން ރުފިޔާ (%6.4) ލިބިފައިވެ އެވެ.
ސެޕްޓެންބަރު 2026 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 126.81 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ. އަދި މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ދައުލަތަށް ޖުމްލަ 28 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މީގެ ތެރޭގައި އެމެރިކާ ޑޮލަރުގެ ގޮތުގައި ބަލައިގަތް 1.2 ބިލިއަން ޑޮލަރުވެސް ހިމެނެ އެވެ.
އެކްސިޑެންޓްތައް ތަހުގީގުކުރާ ހާއްސަ ސޮފްޓްވެއާއެއް ބޭނުންކުރަނީ
3 މީހުން އަރުވައިގެން ސައިކަލް ދުއްވީ ބަންދު އަމުރު އޮތް މީހެއް
ނިދާ ކޮޓަރީގެ އައްޔާ އެއްވަރަށް ފިނި ހޫނުމިން ވެސް މުހިއްމު!
