ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުން ގުނުމަށް ގެނައި އިސްލާހުތަކަކީ ގާނޫނު އަސާސީއާ ހިލާފަށް ގެނެސްފައިވާ ބަދަލެއް ކަމަށް ބުނެ ސަރުކާރުން ބޭނުންވި ގޮތަށް މަޖިލީހުގެ ހުސްގޮނޑިތައް ގުނޭ ގޮތަށް ސުޕްރީމް ކޯޓުން ހުކުމްކޮށްދީފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ބުނަނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ތިން ބައި ކުޅަ ދެ ބައި މެމްބަރުންގެ އަޣުލަބިއްޔަތު ވޯޓުން ކަމަށެވެ.
މި ހިނގާ 19 ވަނަ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 87 އެވެ. ނަމަވެސް އާ ސަރުކާރުގެ ވަޒީރުކަމުގެ މަގާމުތަކަށާއި ކުންފުނިތަކުގެ ވެރިންގެ ގޮތުގައި މަޖިލީހުގެ ހަތް މެންބަރަކު ވަނީ ވަޑައިގެންފަ އެވެ. އެހެންވެ އެ ގޮނޑިތައް ހުސްވުމުން މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 80 އަށް މަޖިލީހުން ފާސްކުރި އިސްލާހުގައިވެ އެވެ.
މަޖިލީހުން ފާސްކުރި އިސްލާހުގައިވާ ގޮތުން އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ މަޖިލީސް މެންބަރުންގެ ވޯޓުން ރައީސް އާއި ނައިބު ރައީސް އަޒުލްކުރެވެ އެވެ.
އެ އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ ސަރުކާރުގެ ފަރާތުން ބަންޑާރަ ނައިބެވެ.
މިއަދު ސުޕްރީމް ކޯޓުން އިއްވި ހުކުމްގައި ބުނީ މަޖިލީހުން ކަންކަން ނިންމުމުގައި އެކި މައްސަލަތަކުގައި އެކި އަޣުލަބިއްޔަތު ގާނޫނުއަސާސީގައި ކަނޑައަޅާފައިވަނީ މުހިންމު ބޭނުމެއްގައި ކަމަށެވެ. އެއީ ހައްސާސީ މައްސަލަތަކުގައި ވީހާ ވެސް ގިނަ ރައްޔިތުން އެ ނިންމުންތަކުގައި ޝާމިލްވުން ކަމަށް ހުކުމްގައިވެ އެވެ.
މަޖިލީހުގެ ކޮންމެ ގޮނޑިއަކީ އެންމެ މެންބަރަކަށް ނިސްބަތްވާ ގޮނޑިއެއް ނޫން ކަމަށާއި އެ ގޮނޑީގެ ފަހަތުގައި އެތައް ހާސް ރައްޔިތުންނެއް ތިބޭ ކަމަށް ހުކުމްގައިވެ އެވެ. ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ އަޑު ކަމަށާއި އެއީ ރައްޔިތުންގެ ބާރު ކަމަށް ވެސް ސުޕްރީމް ކޯޓުގައި ބުންޏެވެ.
އެހެންކަމުން، މަޖިލީހުގެ ގޮނޑިއެއް ހުސްވުމަކީ އެ ދާއިރާއެއް މަޖިލީހުގައި އެއްކޮށް ތަމްސީލް ކުރުން ހުއްޓޭނެ ކަމެއް ނޫން ކަމަށް ހުކުމްގައި ބުންޏެވެ. ގޮނޑީގައި މެންބަރަކު ނެތުމުން ވަކި ގޮތަކަށް އެ ދާއިރާއަށް ވޯޓު ނުދެވިދާނެ ކަމަށާއި ނަމަވެސް، އެ ހުސް ގޮނޑި ވެސް ހުރިކަމާއި ރައްޔިތުންތަކެއް ތިބިކަން އިހްސާސް ކުރެވޭނެ ކަމަށް ހުކުމްގައިވެ އެވެ.
ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އިއްވެވި ހުކުމްގައި ބުނީ ރައްޔިތުންގެ މަޖިލީހުން ކަންކަން ނިންމުމަށް ކޯރަމް ހަމަނުވެގެން ޖަލްސާތައް ނުބޭއްވިގެން ނޫޅޭ ކަމަށާއި މިވަގުތު ވެސް މަޖިލީހުގައި 80 މެންބަރުން އެބަ ތިއްބެވި ކަމަށެވެ. އެއީ އެންމެ ބޮޑު އަޣުލަބިއްޔަތެއް ބޭނުންވާ، ގާނޫނުއަސާސީ އިސްލާހު ކުރުމަށް ބޭނުންވާ އަޣުލަބިއްޔަތު ވެސް ލިބޭ އަދަދެއްގެ މެންބަރުން ކަން ހުކުމްގައި ފާހަގަކުރި އެވެ. އެހެންކަމުން، ގާނޫނުއަސާސީއަށް އިސްލާހެއް ގެންނަ ނަމަވެސް، އެ އަޣުލަބިއްޔަތު ހަމަކޮށްގެން އެކަން ކުރުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށް ހުކުމްގައިވެ އެވެ.
ހުކުމްގައި ބުނީ މަޖިލީހުން ގަވައިދަށް ބަދަލު ގެންނަން މަޖިލީހުން ނިންމާފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި ކަމަށާއި އެ މަޖިލީހުގެ ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަކަށް ވެސް ގާނޫނުއަސާސީގައި ބުނާ އަޣުލަބިއްޔަތަށް ވުރެ ވެސް ގިނަ މެންބަރުން އެބަ ތިބި ކަމަށެވެ. ނަމަވެސް، މެންބަރުންގެ އަދަދާ މެދު ގެނައި ބަދަލުވުން މަޖިލީހުގައި މެޖޯރިޓީ އޮތް ސިޔާސީ ފިކުރުގެ ވޯޓުތައް ވަރުގަދަވެގެން ދިޔުން ނޫން އިތުރު ނަތީޖާއެއް ނެތް ކަމަށް ހުކުމްގައިވެ އެވެ.
ނަމަވެސް، މަޖިލީހުގެ މެންބަރުންނަކީ އަމިއްލަ މަސްލަހަތާއި ޒަތީ މަސްލަހަތު ކުރިއަރުވަން މަޖިލީހުގައި ތިއްބަވާ ބައެއް ނޫން ކަމަށާއި ކުރިއަރުވަން ޖެހޭނީ މުޅި ގައުމާއި ރައްޔިތުންގެ ހެވާއި ލާބަ ކަމަށް ހުކުމްގައި ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ ގާނޫނުއަސާސީގައި ވަކި އަދަދެއް ކަމަށް ކަނޑައަޅާފައި އޮތް ކަމެއް ނޫނެވެ. އޮތީ ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައިވާ ޖުމްލަ މެންބަރުން ކަނޑައަޅާނެ އުސޫލެވެ. އެ އުސޫލުން މިހާރު ކުރިއަށް ގެންދާ މަޖިލީހުގެ މެންބަރުންގެ ޖުމުލަ އަދަދަކީ 87 އެވެ.