ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުން ގުނަމުން އައި ގޮތާއި ޖަލްސާތަކުގެ ކޯރަމް ކަނޑައަޅާ ގޮތަށް އެ މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު ބަދަލެއް ކަމަށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމާ ގުޅިގެން ގަވައިދަށް ބަދަލު ގެނައި ފަހުން މަޖިލިހުން ފާސްކުރި ކަންކަމާ މެދު ބަންޑާރަ ނައިބުގެ ގާނޫނީ ލަފައަށް އެދިވަޑައިގެންފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ނ. ކެނދިކުޅުދޫ އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މިއަދު ވެސް ވިދާޅުވީ އެމަނިކުފާނު ގާނޫނުއަސާސީއާ ހިލާފަށް އެއް ކަމެއް ވެސް ނުކުރައްވާނެ ކަމަށެވެ. އަދި ރައްޔިތުން ހަވާލު ކުރި ޒިންމާ އަދާ ކުރައްވަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކީގައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މަޖިލިހުގެ ޖުމްލަ މެމްބަރުންގެ އަދަދަކީ 80 ކަމަށް ކަނޑައަޅައިގެން މަޖިލިހުން ނިންމާ ކޮންމެ ނިންމުމަކީ ގާނޫނުއަސާސީއާ ހިލާފު ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ. އަދި އިއްޔެގެ ވޯޓުގައި އެ ބިލް ފާސް ކުރަން 47 ވޯޓު ލިބުނު އިރު، އެބޭފުޅުން ބެއްލެވީ 80 މެމްބަރުންގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވި އެވެ.
"80 މެމްބަރުން ކަމަށް ބަލައިގެން ނިންމާ ކޮންމެ ނިންމުމެއް ގާނޫނުއަސާސީއާ ހިލާފު ވާނެ. މަޖިލީހުގެ އަދަދަކީ 87 ކަމަށް ސުޕްރީމް ކޯޓުން ނިންމީ. އެހެންވީމާ އަޅުގަނޑު ގާނޫނުއަސާސީއާ އެންމެ ތަންފުކެއް ވެސް ހިލާފު ނުވާނަން. އެހެންވީމަ ބަންޑާރަ ނައިބުގެ ގާނޫނީ ލަފައަށް އަޅުގަނޑު މިހާރު ވާނީ ދަންނަވާފައި. އެއީ މިކަހަލަ ނިންމުމެއް ނިންމީމަ ސުވާލު އުފެދޭ 80 މެމްބަރުންނަށް ބަލައިގެން އިއްޔެގެ މައްސަލަ އާއި އޭގެ ކުރީގެ މައްސަލަތައް ނިންމާފައި ހުރެއްޖެ ނަމަ، އެ ނިންމި މައްސަލަތަކާ މެދުގައި ގާނޫނީ ހައިސިއްޔަތާ މެދުގައި ސުވާލު އެބަ އުފެދޭ،" ރައީސް ވިދާޅުވި އެވެ.
މިކަމުގައި ބަންޑާރަ ނައިބު ލަފައެއް ދެއްވީމަ، ކުރިއަށް ވަޑައިގަންނަވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.
މި ހިނގާ 19 ވަނަ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 87 އެވެ. ނަމަވެސް އާ ސަރުކާރުގެ ވަޒީރުކަމުގެ މަގާމުތަކަށާއި ކުންފުނިތަކުގެ ވެރިންގެ ގޮތުގައި މަޖިލީހުގެ ހަތް މެންބަރަކު ވަނީ ވަޑައިގެންފަ އެވެ. އެހެންވެ އެ ގޮނޑިތައް ހުސްވުމުން މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 80 އަށް މަޖިލީހުން ފާސްކުރި އިސްލާހުގައިވެ އެވެ.
މިއަދު ސުޕްރީމް ކޯޓުން އިއްވި ހުކުމްގައި ބުނީ މަޖިލީހުން ކަންކަން ނިންމުމުގައި އެކި މައްސަލަތަކުގައި އެކި އަޣުލަބިއްޔަތު ގާނޫނުއަސާސީގައި ކަނޑައަޅާފައިވަނީ މުހިންމު ބޭނުމެއްގައި ކަމަށެވެ. އެއީ ހައްސާސީ މައްސަލަތަކުގައި ވީހާ ވެސް ގިނަ ރައްޔިތުން އެ ނިންމުންތަކުގައި ޝާމިލްވުން ކަމަށް ހުކުމްގައިވެ އެވެ.
މަޖިލީހުގެ ކޮންމެ ގޮނޑިއަކީ އެންމެ މެންބަރަކަށް ނިސްބަތްވާ ގޮނޑިއެއް ނޫން ކަމަށާއި އެ ގޮނޑީގެ ފަހަތުގައި އެތައް ހާސް ރައްޔިތުންނެއް ތިބޭ ކަމަށް ހުކުމްގައިވެ އެވެ. ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ އަޑު ކަމަށާއި އެއީ ރައްޔިތުންގެ ބާރު ކަމަށް ވެސް ސުޕްރީމް ކޯޓުގައި ބުންޏެވެ.
އެހެންކަމުން، މަޖިލީހުގެ ގޮނޑިއެއް ހުސްވުމަކީ އެ ދާއިރާއެއް މަޖިލީހުގައި އެއްކޮށް ތަމްސީލް ކުރުން ހުއްޓޭނެ ކަމެއް ނޫން ކަމަށް ހުކުމްގައި ބުންޏެވެ. ގޮނޑީގައި މެންބަރަކު ނެތުމުން ވަކި ގޮތަކަށް އެ ދާއިރާއަށް ވޯޓު ނުދެވިދާނެ ކަމަށާއި ނަމަވެސް، އެ ހުސް ގޮނޑި ވެސް ހުރިކަމާއި ރައްޔިތުންތަކެއް ތިބިކަން އިހްސާސް ކުރެވޭނެ ކަމަށް ހުކުމްގައިވެ އެވެ.