ސްކޫލުތަކުގެ ކްލާސްރޫމްތައް އޭސީކުރަން މަގުފަހިވާގޮތަށް އަންނަ އަހަރުން ފެށިގެން އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކެއް ސްކޫލުތަކުގައި ފެށުމަށް ގަސްދުކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ ރޭ މީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ސްކޫލުތަކުގެ ކްލާސްރޫމުތައް އޭސީ ކުރުމަކީ ކިޔަވާކުދިންނާ ޓީޗަރުންނާ އަދި ސްކޫލުތަކުންވެސް ވަރަށް ބޮޑަށް އެދެމުން އަންނަ ކަމެއްކަމަށެވެ.
ހަމައެހެންމެ، އެމަނިކުފާނު ރަށްރަށަށް ކުރައްވާ ދަތުފުޅުގައި ރަށްރަށުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުން އެދޭ އެއްކަމަކީ ހޭންޑް ބޯލް ކޯޓުތައް ގާއިމުކުރުންކަން ފާހަގަކުރައްވައި ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ވީހާވެސް ގިނަ ރަށެއްގައި ހޭންޑް ބޯލް ކޯޓުތައް ގާއިމު ކޮށްދެއްވާނެކަމުގަ އެވެ.
ރައީސްގެ ވާހަކަފުޅުގައި މީދޫއާ ވަކިން ހިއްކާފައިވާ ސަރަހައްދު އެރަށާ ގުޅުވާލުމާއި އެސަރަހައްދުގައި ފެނާއި ނަރުދަމާ އަދި ކަރަންޓު އަދި މަގުހެދުން ފަދަ އަސާސީ ހިދުމަތްތައް ގާއިމުކޮށްދެވާނެކަމުގައި ވިދާޅުވި އެވެ. އަދި އެސަރަހައްދުގެ މަގުތައް ހަދާނީ ރަށުގެ މަގުތަކާވެސް އެކުގައިކަން ރައީސް ފާހަގަކުރެއްވި އެވެ. މީގެ އިތުރުން މުޅި ރާއްޖޭގައި ހައުސިންގ މަޝްރޫއު ކުރިޔަށްގެންދާއިރު މީދޫގައި މަދުވެގެން 200 ހައުސިންގ ޔުނިޓް ގާއިމުކޮށްދެއްވާނެކަމަށާއި އެރަށުގެ ބަނދަރު އިތުރަށް ބޮޑުކޮށް ފުޅާކޮށް ރައްޔިތުން އެދޭބަދަލުތަކާއެކު ތަރައްގީކުރުމާއި އެނޫންވެސް ރަށުގެ ތަރައްގީއަށް ކުރަންހުރި ހުރިހާ ކަމެއް ފުރިހަމަ ކޮށްދެއްވާނެކަމުގައި ރައީސް ވިދާޅުވި އެވެ.