ހުޅުމާލޭ އިމިގްރޭޝަން ޑިޓެންޝަން ސެންޓަރު ކުރިމަތީގައި ޕާކުކޮށްފައި އޮތް ވޭނެއްގައި ޖެހިގެން ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ މިއަދު ނިޔާވެއްޖެ އެވެ.

ޓްރީޓޮޕްގައި ފަރުވާދެމުން ދަނިކޮށް މަރުވީ ކ. ހުރާ، މުހައްމަދު ލަޔާން ޝަރީފް (ލުއްލު) 19 އެވެ. ހޮސްޕިޓަލަށް ގެންދިޔައިރުން ފެށިގެން އޭނާއަށް ފަރުވާދެމުން ދިޔައީ ވެންޓިލޭޓަރުގެ އެހީގަ އެވެ.

އެކްސިޑެންޓަށްފަހު އެ ޒުވާނާ ބިންމައްޗަށް ވެއްޓިފައި އޮތް މަންޒަރު ފެނުނީ ރޭ ދަންވަރު 2:30 ހާއިރު އެ ސަރަހައްދު ޕެޓްރޯލްކުރި ފުލުހުންނަށެވެ.

އެ ޒުވާނާއަށް ލިބިފައިވާ އަނިޔާތަކުގެ ތެރޭގައި ފަޔާއި ކަރާއި އަތާއި މޭމަތީގެ ކަށިތަކާ އެކު އެކި ތަންތަނުން ބިނދިފައިވުމާއި ފުއްޕާމެޔަށް ގެއްލުންވެފައިވުން ހިމެނެ އެވެ.

އެ ޒުވާނާ ދުއްވި ސައިކަލު ވަނީ ފުނޑުފުނޑު ވެފަ އެވެ. އަދި ސައިކަލު ގޮސް ޖެހުނު، ވޭނުގެ ފަހަތްކޮޅު ވެސް އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.