ރޯދަމަހަށް ހާއްސަކޮށްގެން ސަރުކާރުގެ ފަރާތުން ކޮންމެ ގޭބީސީއަކަށް ހަދިޔާ ކުރާ 10 ކިލޯ ބާސްމަތީ ހަނޑޫ އަދި 10 ކިލޯ ފުށް ބެހުމަށް އެސްޓީއޯ އިން ތައްޔާރުވެއްޖެ އެވެ.

މިގޮތުން މިކަމަށް އެކަށޭނަ މުދާ މިހާރު ވަނީ އެތެރެކޮށް ގުދަންކޮށް އަދި މީގެ އިތުރުން ބެހޭނެ އިންތިޒާމުތައް ހަމަޖައްސާފައި ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯއިން މިކަން ކުރިއަށް ގެންދަނީ ސަރުކާރުގެ ވުޒާރާތަކާއި، ކައުންސިލްތަކާއި، އަދި ބައެއް ޖަމިއްޔާތަކާއި މަޝްވަރާކުރެވި، ގިނަ ބައެއްގެ އެހީތެރިކަމާއެކު އެވެ.

މުދާ ދޫކުރުން ރޭވިފައިވާ ގޮތްތައް:

މާލޭ ސަރަހައްދުގައި މުދާ ދޫކުރާނީ މާލޭ ސިޓީ ކައިންސިލް ބެލުމުގެ ދަށުންނެވެ.

މާލެ ސަރަހައްދުގައި މުދާ ދޫކުރަން ފަށާނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ. މުލަ ރޯދަ ދުވަސް އަދި ހުކުރު ދުވަހު މުދާ ބެހުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ކުރިއަށް ނުގެންދާނެ އެވެ.

ރަށްރަށަށް ގެންދާ މުދާ އެސްޓީއޯއިން ދޯނިތަކަށް ބަރުކުރަން މިދިޔަ ބުދަ ދުވަހު ވަނީ ފަށައިފަ އެވެ. އަދި އެ މުދާ ގޭބީސީތަކަށް ދޫކުރާނީ ރަށު ކައުންސިލުންނެވެ.

ހަދިޔާ ދޫކުރަން ހަމަޖެހިފައި ވަނީ ދިވެހިންނަށް އެކަންޏެވެ. މިގޮތުން ދޫކުރާނީ ކަރަންޓު މީޓަރުގެ ނަންބަރަށް ބެލުމަށް ފަހު ބަލާ އަންނަ ފަރާތުގެ އައިޑީ ކާޑު ނަންބަރު ނޯޓުކުރުމަށްފަހު އެވެ.

މާލޭ ސަރަހައްދުގައި މުދާ ދޫކުރަން ނިންމާފައިވާ ގަޑިތަކަކަކީ ހެނދުނު 10:00 އިން ހަވީރު 4:00 އަށެވެ. އަދި ރޭގަނޑު 8:30 އިން 11:00 އަށެވެ.

ރޯދަމަހު މުދާ ދޫކުރުމަށް ނިންމާފައިވާ ގަޑިތަކަކީ ހެނދުނު 9:30 އިން މެނދުރު 1:00 އަށެވެ. އަދި ރޭގަނޑު 9:00 އިން 11:30 އަށެވެ.

މާލެ ސަރަހައްދުގައި ހަދިޔާ ދޫކުރުމަށްޓަކައި ޖުމްލަ ހަތް ތަނެއް ގާއިމްކޮށްފައި ހުންނާނެ އެވެ. މިގޮތުން މާލެ ސަރަހައްދުގައި ގާއިމް ކުރެވޭ ތަންތަން ތިރީގައި މިވަނީ އެވެ.

  • ގަލޮޅު ދަނޑު
  • މާލެ އާންމު ހިދުމަތްތަކާ ބެހޭބައި (މާލެ ސިޓީ ކައުންސިލް)
  • ސޯޝަލް ސެންޓަރު
  • ވިލިމާލެ ބިއްރި މިސްކިތް ހޯލް
  • އުމަރު ޒާހިރު ބިލްޑިން
  • ހުޅުމާލެ ފޭސް-2 ހިޔާ ފްލެޓް ޓަވަރު 10