ސޯޝަލް މީޑިއާ އިންނާއި ޓީވީތަކުން މަޝްހޫރު ތަރިންގެ ފުރިހަމަ އަދި މުއްސަނދި ގެތައް ފެނުމުން، އަހަރެމެންގެ އަމިއްލަ ގެވެސް އެގޮތަށް ފަރުމާ ކޮށްލުމަކީ ގިނަ ބަޔަކު ދެކޭ ހުވަފެނެކެވެ.
ނަމަވެސް އެންމެ ބޮޑު ހުރަހަކަށް ވަނީ ބަޖެޓެވެ. އާކިޓެކްޓް އަދި '18 ސްޓޫޑިއޯޒް'ގެ ބާނީ، ބުމިތް ޝާހު ވިދާޅުވާ ގޮތުގައި، ގެއެއް މުއްސަނދިކޮށް ފެނުމުގެ އަސްލަކީ އަގުބޮޑު ތަކެތި ބޭނުން ކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ ވިސްނުންތެރި ކަމާއެކު ގޭތެރެ ފަރުމާ ކުރުމެވެ.
ކުޑަ ހަރަދަކުން ގޭތެރެއަށް މުއްސަނދި ކަމާއި ފުރިހަމަކަން ގެނެސްދިނުމަށް ބުމިތު ޝާހު ހިއްސާ ކުރައްވާފައިވާ ހަ އިރުޝާދަކަށް ބަލާލާނަމެވެ.
1. އުސްކޮށް ހުންނަ ފަރުމާތައް ބޭނުން ކުރުން
އަލަމާރި ފަދަ ތަކެތި ހަދާއިރު، އާދައިގެ އުސްމިނެއްގައި ހެދުމުގެ ބަދަލުގައި ތަޅުމުން ފެށިގެން ސީލިންގއާ ހަމައަށް ހުންނަ ގޮތަށް ހެދުމުން ކޮޓަރި ބޮޑުކަމަށް ދައްކަ އެވެ. ހަމައެހެންމެ، ކުޑަދޮރުގެ މަތިން ފަރުދާ އެޅުވުމުގެ ބަދަލުގައި ސީލިންގއާ ހަމައިން ފަރުދާ އެޅުވުމުން ކޮޓަރީގެ އުސްމިން ބޮޑުކަމަށް ދައްކައި، މުއްސަނދި ގޮތެއް ގެނެސްދެ އެވެ.
2. ހޫނު އަލިކަން ނުވަތަ ވޯމް ލައިޓިން
ގޭތެރެއަށް ހިތްގައިމުކަން ގެނެސްދިނުމަށް ވޯމް ލައިޓިންއަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ. ފޮރުވިފައި ހުންނަ އެލް.އީ.ޑީ ސްޓްރިޕްސް، ޕެންޑެންޓް ލޭމްޕް ނުވަތަ ފާރުގައި ހަރުކުރާ ބޮކިތަކުގެ ސަބަބުން ގޭތެރޭގެ މާހައުލު ހަމަހިމޭން ވެފައި ރީތިކޮށްދެ އެވެ.
3. އަގުބޮޑެތި މެޓީރިއަލްތަކުގެ ބަދަލުގައި ޓެކްސްޗާ ބޭނުން ކުރުން
މާބަލް އަދި ގުދުރަތީ ހިލަ ފަދަ ތަކެއްޗަކީ ވަރަށް އަގުބޮޑު ތަކެއްޗެވެ. އޭގެ ބަދަލުގައި ހަރަދު ކުޑަކޮށް އެފަދަ ރީތިކަމެއް ގެނެސްދޭނެ އެހެން ގޮތްތައް ބޭނުން ކުރެވިދާނެ އެވެ. ފޮތިން ހަދާފައިވާ ވޯލް ޕެނަލް، މައިކްރޯ-ސިމެންޓް ފިނިޝް، ޓެކްސްޗާޑް ލެމިނޭޓް އަދި މެޓް ސާފޭސްތައް ބޭނުން ކުރުމުން ގޭތެރެ ވަރަށް ޒަމާނީ ގޮތަކަށް ފެންނާނެ އެވެ.
4. ލޯގަނޑު ބޭނުން ކުރުން
ބޮޑެތި ލޯގަނޑު ބޭނުން ކުރުމަކީ ކުދި ޖާގަތައް ބޮޑުކަމަށް ދެއްކުމަށް ބޭނުން ކުރެވޭ އެންމެ އާންމު އެއް އުކުޅެވެ. ބޮޑެތި ލޯގަނޑުތަކުގެ ސަބަބުން އަލިކަން ރިފްލެކްޓްވެ، ޖާގަ ތަނަވަސް ކަމަށް ދައްކަ އެވެ.
5. ވަށްކޮށް ހުންނަ ފަރުމާތަކާއި ފްލޫޓެޑް ޕެނަލް
މާގިނަ ކުރެހުންތަކާއި ޑިޒައިންތަކުގެ ބަދަލުގައި، ސާދާކަމާއެކު ގެނެވޭ ބަދަލުތަކުން މާ ފުރިހަމަވެ އެވެ. މިގޮތުން، ގޭތެރޭގެ ތަންތަން ފަރުމާ ކުރާއިރު ކަނަކަށް ނުވަތަ ތޫނުކޮށް ހެދުމުގެ ބަދަލުގައި ވަށްކޮށް (ކާވްކޮށް) ހެދުމުން ޒަމާނީ ފެންވަރެއް ފެންނާނެ އެވެ. އަދި ފްލީޓެޑް ޕެނަލް (ރޮނގުތަކެއްހެން ހުންނަ ޑިޒައިން) ފާރުތަކުގައާއި ފަރުނީޗަރުގައި ބޭނުންކުރުމުން ވަރަށް ހިތްގައިމުވާނެ އެވެ.
6. އާދައިގެ، ސާދާ ސީލިންގްތައް
ގެ މުއްސަނދިކޮށް ފެނުމުގެ މާނައަކީ ބަރުދާސް ބޮޑު ފޯލްސް ސީލިންގްތަކެއް ހެދުމެއް ނޫނެވެ. އޭގެ ބަދަލުގައި އާދައިގެ ސާދާ ސީލިންގްތައް ހެދުމުން ގޭތެރެ ތަނަވަސްވެފައި ރީތިކަމަށް ދައްކާނެ އެވެ. އޭގެ ތެރޭގައި ފޮރުވިފައި ހުންނަ (ކޮންސީލްޑް) ލައިޓިންގ ބޭނުންކުރުމުން ފުރިހަމަ ވެގެންދާނެ އެވެ.
މި ހުރިހާ ކަމަކީ ވެސް ވަރަށް ކުޑަ ހަރަދަކުން ކުރެވިދާނެ އެހެން ނަމަވެސް ބޮޑު ބަދަލެއް ގެނުވައިދޭނެ ކަންކަމެވެ.
ޕްރައިމް ވީޑިއޯގެ "އެވްރީ އިޔާ އާފްޓާ"ގެ ދެވަނަ ސީޒަނެއް!
ވެނެޒުއޭލާގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 1،500 އަށް
އީރާނާއި އެމެރިކާގެ މަންދޫބުން މަޝްވަރާއަށް ދޯހާއަށް ގޮސްފި