ކޮވިޑްގެ ކޭސްތައް މަދުނުކުރެވިއްޖެނަމަ އުނދަގޫ އަދި ހަރުކަށި ފިޔަވަޅުއަޅަން ޖެހިދާނެކަމުގެ އިޝާރާތެއް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ދެއްވައިފި އެވެ.

މިނިސްޓަރު ފައްޔާޒު ރޭ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވަނީ ކޮވިޑް-19 ގެ ކޭސްތައް އިތުރުމަމުންދާ ހާލަތުގައި އެންމެ ފުރިހަމައަށް ރައްކަތެރިކަމުގެ ފިޔަވަޅު ނޭޅިއްޖެނަމަ ސިއްހީ ހިދުމަތްދޭ ތަންތަނަށް ނުކަތާވަރުވެގެން ހިނގައިދާނެ ކަމަށެވެ. އަދި މިފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އުނދަގޫ އަދި ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހިދާނެ ކަމަށް ފައްޔާޒް ވިދާޅުވެފައިވެ އެވެ.

ފައްޔާޒް މިއިޝާރާތް ކުރައްވާ ހަރުކަށި ފިޔަވަޅުތަކަކީ ކޮބައިކަމެއް ޓުވީޓްގައި ތަފްސީލްކޮށްދެއްވަފައި ނުވާއިރު ބައެއް މީހުން ވަނީ އެ ފިޔަވަޅަކީ އިތުރު ލޮކްޑައުންއެއްތޯ ސުވާލުކޮށްފަ އެވެ.

ފިޔަވަޅުތައް ވަރުގަދަކުރާނެކަމުގެ އިންޒާރު ފައްޔާޒް ދެއްވާފައިވާއިރު ފާއިތުވެދިޔަ ދުވަސްތަކުގައި އަނެއްކާ ވެސް ކޮވިޑްގެ ކޭސްތައް މިވަނީ އިންތިހާއަށް މައްޗަށް ގޮސްފަ އެވެ. މިގޮތުން އިއްޔެ ވެސް މުޅި ރާއްޖެއިން 186 މީހުން ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 162 މީހުން ހިމެނެ އެވެ. މީގެ އިތުރުން، މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 14 މީހަކާއި އިތުރުން އޮޕަރޭޓް ކުރަމުންދާ ރިސޯޓުތަކުން ޕޮޒިޓިވްވި ދިހަ މީހަކު ހިމެނެ އެވެ.

މީހުންދިރިއުޅޭ ބައެއް ރަށްރަށުން ފަހަކަށް އައިސް ޕޮޒިޓިވް ކޭސްތައް ފެނި، ކޮމިއުނިޓީ ސްޕްރްޑް އުޅޭކަމުގެ ބިރު ވަނީ ހީވެފަ އެވެ. މިގޮތުން އައްޑު އާއި، ތިނަދޫ އަދި ފުވައްމުލަކުން ވެސް ކޮވިޑްގެ ކޭސްތައް ފެނި މިހާރުވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.