ވަޒީފާގެ ބިރު ދެއްކުން ހުއްޓާލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.

ހުވަދު އަތޮޅު ދެކުނު ބުރީގެ ރަށްތަކުގައި ކުރިއަށްދާ އެމްޑީޕީގެ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ކެމްޕޭން "މިސްރާބު ހަމަމަގަށް" ކެމްޕޭންގައި ވާހަކަ ދައްކަވަމުން ޝާހިދު ވަނީ ގާނޫނުގެ ވެރިކަން ނަގަހައްޓައި، ސިޔާސީ ހިޔާލު ތަފާތުވާ ފަރާތްތައް ސަރުކާރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާއިން ވަކިކުރުން ހުއްޓާލުމަށް ގޮވާލައްވާ ކަމަށެވެ.

ޝާހިދު ވިދާޅުވީ ވަޒީފާގެ ބިރުދެއްކުން ހުއްޓުވައި، ސަރުކާރު ޖަވާބުދާރީ ކުރެވޭނީ އެމްޑީޕީ މަޖިލީހުގެ މެޖޯރިޓީއާއެކު އިދިކޮޅުގައި މިވަގުތު އޮވެގެން ކަމަށެވެ.

ޝާހިދު ވަނީ ސަރުކާރުން ވަޒީފާގެ ހައްގުތަކަށް އަރައިގަންނައިރު ސިވިލް ސާވިސް ކޮމިޝަނާއި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ފާރަވެރިވާން ޖެހޭ ކަމަށް ވިދާޅުވެ، އެކަންކަން ހުއްޓުވަން ކުރަން ޖެހޭކަންކަން ކުރުމަށް ގޮވާލައްވާފަ އެވެ.

ހުވަދު އަތޮޅުން ކެމްޕޭންތެރެއިން ދިމާވި ބައެއް ފަރާތްތަކުން ވަނީ އެފަރާތްތަކަށް ދައްކާފައިވާ ވަޒީފާގެ ބިރުގެ ވާހަކަ ޝާހިދުއާ ހިއްސާކޮށްފަ އެވެ. އެގޮތުން އެމްޑީޕީގެ ކެމްޕޭނުގައި އުޅޭތީ ވަޒީފާއިން ޑިމޯޓްކޮށްފައިވާ ފަރާތްތަކާއި، ކެމްޕޭނުގައި އުޅޭނަމަ ކަނޑާލާނެކަމުގެ އިންޒާރު ދީފައިވާ ބައެއް ފަރާތްތަކާ ދިމާވެފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.