ގިނަ ދުވަސްވަންދެން ބޭނުންނުކޮށް މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ބަހައްޓާފައި ހުރި 123 އުޅަނދު ނައްތާލައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ޓްރެފިކް ޑިކޮންޖެސްޝަން ޕްރޮގްރާމުގެ ދަށުން މި ހަފްތާގެ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު ކުރެވުނު މަސައްކަތުން، ގިނަ ދުވަސްވަންދެން ބޭނުންނުކޮށް މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ބަހައްޓާފައިހުރި އުޅަނދުތަކުގެ ތެރެއިން 123 އުޅަނދު ނައްތާލެވިފައިވާ ކަމަށެވެ.

އަދި އެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް ޖުމުލަ 281 އުޅަނދު ނައްތާލެވިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މާލެއާއި ހުޅުމާލޭގެ މަގުތަކުގައި ހަލާކުވެ ބޭނުންނުކޮށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފެށީ ފެބްރުއަރީ 17 ވަނަ ދުވަހު އެވެ. މި މަސައްކަތަކީ ޓްރާންސްޕޯޓް މިނިސްޓްރީ އާއި މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މާލެ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

ގިނަ ދުވަސްވެ ހަލާކުވެފައިވާ އުޅަނދުތައް ނައްތާލުމުގެ ޕްރޮގްރާމްގެ ދަށުން މާލެ އަދި ހުޅުމާލެއިން މިގޮތަށް ޕާކުކޮށްފައި ހުރި ގިނަ ޢަދަދެއްގެ އުޅަނދުތައް ވަނީ ނަގާފަ އެވެ. އެ އުޅަނދުތައް ނައްތާލުމުގެ މަސައްކަތް ކުރިއަށްގެންދަނީ ތިލަފުއްޓަށް ގެންގޮސްގެންނެވެ.

މާލޭގެ މަގުތަކުގައި ވެހިކަލް ތޮއްޖެހުމާއި، ޕާކިން މައްސަލައަކީ ބޮޑު މައްސަލަ އެވެ. އަދި ވެހިކަލް ހަލާކުވެ މަގުތަކަށް ދޫކޮށްލާފައި ހުންނަ މައްސަލައަކީ ވެސް ހައްލު ހޯދިފައި ނުވާ މައްސަލަ އެވެ.