މަސްވެރިން މިފްކޯ އަށް މަސް ކިރުމުން މިދިޔަ ހުކުރު ދުވަހާ ހަމައަށް މަސްވެރިންނަށް ދޭން ޖެހޭ ހުރިހާ ފައިސާއެއް ދީ ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެ ދެވުނު ހުރިހާ ފައިސާއާ އެކުގައި މަސްވެރިންގެ ބެކްލޮގް ކްލިއާ ކުރެވިފައިވާ ކަމަށެވެ.

"މިއަދު (އިއްޔެ) ދެވުނު ފައިސާއާ އެކު މަސްވެރިންނަށް މިދިޔަ ހުކުރު ދުވަހާ ހިސާބަށް ބޭނި ހުރިހާ މަހަށް ފައިސާ ދީ، މަސްވެރިންގެ ބެކްލޮގް އެއްކޮށް ކްލިއާ ކުރެވިއްޖެ،" ރައީސް ވިދާޅުވި އެވެ.

ފިޝަރީޒް މިނިސްޓްރީ އާއި މިފްކޯ އިން ރޭ ބުނީ، އެ ކުންފުންޏަށް މަސްކިރުވުމަށް ފަހު މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން 157 މިލިއަން ރުފިޔާ އޮޑިވެރިންނަށް ޖަމާކުރަމުންދާ ކަމަށެވެ. އެއީ ހުކުރު ދުވަހާ ހަމައަށް މަސްވެރިންނަށް ދޭންޖެހޭ ފައިސާއެވެ.

ބޭންކް އޮފް މޯލްޑިވްސްގައި އެކައުންޓު އޮންނަ ހުރިހާ އޮޑިވެރިންނަށް ރޭގެ ނިޔަލަށް ފައިސާ ހުރީ ޖަމާވެފަ އެވެ. އަދި އެހެން ބޭންކުތައް ގެންގުޅޭ މަސްވެރިންނަށް މާދަމާގެ ނިޔަލަށް ފައިސާ ޖަމާވާނެއެވެ. އެއީ މިއަދަކީ ރަސްމީ ބަންދު ދުވަހަކަށް ވެފައި ބޭންކުތައް ނުހުޅުވާނެތީ އެވެ.

ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ވެރިކަމާ ހަވާލުވި އިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން މަސްވެރިންނަށް ދޭން ޖެހޭ 280 މިލިއަން ރުފިޔާ ހުއްޓެވެ. އަދި މި ސަރުކާރުން ދޭން ޖެހޭ ފައިސާ އާ އެކުގައި މަސްވެރިންނަށް އެވްރެޖްކޮށް 400 މިލިއަން ރުފިޔާއާ ގާތަށް ފައިސާ ދޭން ހުއްޓެވެ.

ނަމަވެސް މި ސަރުކާރުން ވަނީ އެ ހުރިހާ ބެކްލޮގެއް ވެސް ފިލުވާލައިފަ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ދުވަސްވަރާ ދިމާކޮށް، މިފްކޯ އަށް މަސް ގަންނަ އަގު 17ރ. އިން 25ރ. އަށް އޮތީ ބޮޑުކޮށްފައެވެ. ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި މަސްވެރިންނަށް ފައިސާ ނުދެވި ލަސްވި އެންމެ ބޮޑު އެއް ސަބަބަކީ މަހުގެ އަގު ބޮޑު ކުރުމެވެ.

އެހެންވެ، މި ސަރުކާރުން ވަނީ މަހުގެ އަގު 20ރ. އަށް ދަށްކޮށްފަ އެވެ.