ޓެލެގްރާމް ޗެނަލްތައް ހަދައިގެން ހަށި ވިއްކުމާއި މަސްތުވާތަކެތީގެ ވިޔަފާރި އަދި ބޮޑެތި އެކި ކުށްތައް ހިންގުމުގެ މެދުވެރިއަކަށް ވި، ޓެލެގްރާމްގެ ޗެނަލްގެ މައްސަލައިގެ ތުހުމަތުކުރާ ވަރަށް ގިނަ ބަޔަކު އެބަތިބި ކަމަށާއި އެ އިން ކޮންމެ މީހެއްގެ އެކައުންޓުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރު ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިންސްޕެކްޓަ އޮފް ޕޮލިސް އައިމިނަތު މުހައްމަދު ވިދާޅުވީ ތަފާތު ބޮޑެތި ކުށްތަކަށް އަރައިގަތުމަށް "ޖަޒީރާ އެޑްމިން"، "ޖަޒީރާ ގާލްސް"، "ޖަޒީރާ އެސްކޯޓް ގެލެރީ"، "ޖަޒީރާ ސްކޭމް އެލާޓް" އަދި "ޖަޒީރާ ލިންކް" ހަބަރުގެ ނަމުގައި 2023 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ހިންގަމުން ގެންދިޔަ ޓެލެގްރާމް ޗެނަލްގެ މައްސަލައިގައި ހަށިވިއްކުން މަގު ފަހި ކުރުމަށް ވަކި ޓެކްސީއެއް ގެންގުޅުނު ކަމަށެވެ. އަދި ހަށިވިއްކުން މަގުފަހިކުރުމަށް ގާތްގަނޑަކަށް އެއްއަހަރު ވަންދެން ވަކި ޚާއްސަ ޓެކްސީއެއް ގެންގުޅުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި މައްސަލައިގައި އަދި ވެސް ގިނަ ފަރާތެއްގެ އެކައުންޓުތައް ބަލަމުންދާތީ، އެ އަށް ވަގުތުތަކެއް ނަގާނެ ކަމުގައި ވާތީ، އެ ހުރިހާ ފަރާތެއްގެ އެކައުންޓު ތަފްސީލު މި ވަގުތު އަޅުގަނޑުމެންނަށް ދެވެން ނެތް،" އިސްކަންދަރު ކޮށީގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އާމިނަތު ވިދާޅުވި އެވެ.
އެ ޓެލެގްރާމް ގްރޫޕުތަކުގެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ދެމަފިރިންނެވެ. އޭގެ ތެރެއިން އެކަކަކީ، ގިނަ އަދަދެއްގެ ކުށުގެ ރިކޯޑު އޮންނަ މީހެކެވެ.
ފުލުހުން ބުނީ ހަށިވިއްކުމަށްޓަކައި ރާއްޖެއިން ބޭރުން ވެސް މީހުން ގެނެސްފައިވާ ކަމަށެވެ. އަދި މީގެ ތެރޭގައި ދިވެހިން ވެސް ހިމެނޭ ކަމަށް ފުލުހުން ބުނެ އެވެ.
އައިމިނަތު ވިދާޅުވީ މި މައްސަލައިގެ ތަހުގީގުން މިހާތަނަށް ދެ މިލިއަނަށް ވުރެ ގިނަ ފައިސާ ދައުރުވެފައިވާ ކަން ހާމަވެފައިވާ ކަމަށެވެ.
"ޗެނަލް އިން ހިދުމަތް ހޯދުމަށް ގިނަ މީހުން މެސެޖްކޮށްފައިވޭ، މަސްތުވާތަކެއްޗާއި، ހަށިވިއްކުމާއި، ސެކްސް ޓޯއީޒްއާ ފޯޖް ޑޮކިއުމަންޓްތައް އިޝްތިހާރު ކޮށްފައިވޭ، މިއީ ރާއްޖޭގައި މިހާ ފުޅާދާއިރާއެއްގައި މިފަދަ ބާވަތުގެ މައްސަލަ ހިންގި ފުރަތަމަ ޗެނަލްކަން ވެސް ފާހަގަކޮށްލަންމ" އޭނާ ވިދާޅުވި އެވެ. "ތަހުގީގަށް ފާހަގަކުރެވުނީ މި ހިދުމަތްތައް ދިނުމަށް ރާއްޖެއިން ބޭރުން މީހުން ގެނެސްފައިވާކަން. ދިވެހިން ވެސް މީގެ ތެރޭގައި ހިމެނޭ."
ފުލުހުން ބުނިގޮތުގައި ޖަޒީރާގެ ޗެނަލްތަކުން ހިދުމަތް ހޯދަން އެ ތަންތަނަށް ދުވާލެއްގެ މައްޗަށް ގިނަ ބަޔަކު މެސެޖު ކުރެ އެވެ. އޭޕްރީލް، 2023 ގައި އުފެއްދި ޗެނަލްތަކަށް ފުލުހުންގެ ބާރު ލިބުނުއިރު 7،000 އަށް ވުރެ ގިނަ މީހުން ވަނީ ސަބްސްކްރައިބް ކޮށްފަ އެވެ. އޭގެ ތެރޭގައި ދިވެހިންނާއި ބިދޭސީން ވެސް ހިމެނެ އެވެ.
ނިއުސް ކޮންފަރެންސްގައި ދެއްކި ޕްރެޒެންޓޭޝަނުން އެނގުނު ގޮތުގައި، އެ ޗެނަލް ހިންގާތާ މިވީ އަހަރެއްގެ ތެރޭގައި، ޖަޒީރާ އެންމެ ކުރިއަރާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މިދިޔަ މަހުގެ ތެރޭގަ އެވެ. އެކަމުގައި ފާހަގަވި އެއް ޓްރެންޑަކީ، ޗެނަލް އެންމެ އެކްޓިވްކޮށް ހިންގާފައިވަނީ މެންދުރު 1:00-3:00 އާ ދޭތެރޭގައި ކަމެވެ.
އެންމެ ގިނައިން އިޝްތިހާރު ކޮށްފައިވަނީ، އެ ޕްރެޒެންޓޭޝަނުން ދައްކާގޮތުގައި ބަނގުރާގެ ބާވަތްތަކާއި ފޯޖަރީކޮށްގެން ހަދާފައިވާ މެޑިކަލް ސެޓްފިކެޓާއި ހަޝިޝް ތެޔޮ އަދި ހަށިވިއްކުމާ ގުޅޭ ކަންކަމެވެ.
"މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ އެކައުންޓުތަކުން، އެއް އެކައުންޓުން އަނެކަކުގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޓްރާންސްފާ ކޮށްފައިވާކަން ފާހަގަކުރެވޭ. އަދި ހަށިވިއްކުމުގެ ވިޔަފާރި ހިންގުމަށް ހާއްސަ ޓެކްސީއެއް މި މައްސަލައިގެ ތެރެއިން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. އެއް އަހަރު ވިއިރު ޓެކްސީއެއް ހާއްސަ ކުރެވިފައިވޭ." އާމިނަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި މިއީ، ރާއްޖޭގައި މިހާތަނަށް އެންމެ ފުޅާދާއިރާގައި ހިންގި ޗެނަލެވެ.
އޮރިޔާން ސައިޓުތައް ބަންދުކުރުމުގެ ސަބަބަބުން ތިބުނާޗެނަލްތައް ހިންގާމީހުންނަށް ބޮޑުފައިދާ ކުރަމުން މިހާރުވަސް ދާކަންއެނގޭ ހީވަނީ އެފައިދާ ހޯދުމުގެ ނިޔަތުގަ ބޮޑުންގެ ބަޔަކު އަޑީގަ ތިބެގެން ސައިޓުތައް ބަންދުކުރީހެން