ޑޮލަރު މާރުކުރާ ތަންތަނަށް ފިޔަވަޅު އަޅައިގެން ޑޮލަރުގެ ރޭޓް ކުޑަ ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ޑޮލަރަކީ އޭގެޒާތުގައި އޭގެ އަގު ދިވެހި ސަރުކާރަކަށް ކޮންޓްރޯލް ކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ. އަދި އެއީ އޭގެޒާތުގައި ވަކި އިތުރަކަށް ދިވެހި ސަރުކާރަށް ހޯދޭނެ އެއްޗެއް ވެސް ނޫން ކަމަށް ޔާމީން ވިދާޅުވި އެވެ.
"ޑޮލަރު ލިބޭލެއް މަދުކަމަށް ވަންޏާ ޑޮލަރުގެ އަގު އުފުލިގެންދާނެ،" ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދުނިޔޭގައި ޑޮލަރުގެ އަގު ތިރިވަމުން އަންނައިރު، ރާއްޖޭގައި ޑޮލަރުގެ އަގު ދަނީ މައްޗަށް ކަމަށެވެ. އެގޮތުން ބޭރު ފައިސާއާ ބެހޭ ގާނޫނެއް ހަދައިގެން ބޭރު ފައިސާ މާރުކުރާ ތަންތަނަށް ފިޔަވަޅު އަޅައިގެން ޑޮލަރުގެ މައްސަލަ ހައްލު ނުކުރެވޭނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
ޑޮލަރުގެ މައްސަލައަށް އޮތް ހައްލަކީ އެމްއެމްއޭ އިން މާކެޓަށް ޑޮލަރު ނެރުން ކަމަށާއި އެކަން ނުކުރެވޭނަމަ ޑޮލަރުގެ އަގު ދާނީ މަތިވަމުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އެކްސްޗޭންޖް ކޮންޓްރޯލާ މިކަހަލަ ކަންތައްތަކުގެ ތެރެއިން ދުވަހަކު ވެސް ބޭނުންވާ ރިޒަލްޓެއް އެޗީވެއް ނުވާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ކުރިއަށް އޮތްތަނުގައި ވެސް ޑޮލަރުގެ މައްސަލަ ހައްލުކުރަން ހުރި ބައެއް ހުރަސްތަކުގެ މައްޗަށް ރައީސް ޔާމީން ވަނީ އަލިއަޅުވާލައްވާފަ އެވެ. އެގޮތުން ދައުލަތުގެ ރިޒާވުން ފައިސާ ނަގައިގެން ފުށިދިއްގަރުފަޅު ހިއްކުމަކީ އެއްވެސް ހާލެއްގައި ކުރަންހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ޑޮލަރުގެ މައްސަލަ ހައްލުކުރާނެ ގޮތް އެނގިވަޑައިގަންނަވާ ކަމަށް ރިޔާސީ ކެމްޕޭންގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިޔަސް އެކަން ހައްލުވާން އުޅޭ މަންޒަރެއް ނުފެންނަ ކަމަށެވެ.
މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ ޑޮލަރުގެ އަގު ދެން މައްޗަށް ނާރާނެ ކަމަށާއި ޑޮލަރުގެ އަގު ދުވަހެއް ދުވަހަކަށް ދާނީ ތިރިވަމުން ކަމަށެވެ. ނަމަވެސް ރާއްޖޭގެ ތާރީޚްގައި ވެސް ޑޮލަރުގެ އަގު ނުއުފުލޭ މިންވަރަށް މިހާރު ވަނީ އުފުލިފަ އެވެ.