ޔުނައިޓެޑް ނޭޝަންސް (މާޗް 25) - ގާޒާ އަށް އިޒްރޭލުން ދޭ ހަމަލާތައް ހުއްޓާލުމަށް އދ. ގެ ސަލާމަތީ މަޖިލީހުން ފުރަތަމަ ފަހަރަށް ގަރާރެއް ފާސްކޮށްފި އެވެ.

އޮކްޓޯބަރު 7 ވަނަ ދުވަހު ހަމަލާތައް ދޭން ފެށި ފަހުން ފުރަތަމަ ފަހަރަށް މިފަދަ ގަރާރެއް ފާސްވެފައި މިވަނީ އެމެރިކާ އިން ވީޓޯ ނުކުރުމުގެ ސަބަބުންނެވެ. ގަރާރަށް ވަކި ކޮޅަކަށް އެމެރިކާ އިން ވޯޓެއް ނުދެ އެވެ. ސަލާމަތީ މަޖިލީހުގެ އަނެއް 14 ގައުމުން ގަރާރާ އެއްކޮޅަށް ވޯޓު ދިނެވެ. އެމެރިކާގެ މި ނިންމުމާ ގުޅިގެން ވައިޓްހައުސް އިން ބުނެފައި ވަނީ އެއީ ސިޔާސަތަށް ގެނައި ބަދަލެއް ނޫން ކަމަށެވެ. އެކަމަކު އެމެރިކާގެ އެ ފިޔަވަޅުގެ ސަބަބުން އިޒްރޭލުން ވަނީ އިންތިހާއަށް ރުޅިގަދަވެފަ އެވެ. އަދި އެމެރިކާގެ މަތީ ފަންތީގެ ވަފުދަކުން މިހަފުތާގައި ވޮޝިންޓަނަށް ކުރަން އޮތް ދަތުރު ވަނީ ވަގުތުން ކެންސަލްކޮށްފަ އެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ އެމެރިކާ އިން ނެގީ ކުރިން އެ މީހުން ދަމަހައްޓަމުން އައި އުސޫލާ އިދިކޮޅު ފިޔަވަޅެއް ކަމަށެވެ.

ސަލާމަތީ މަޖިލީހުގެ ގަރާރު 2728 ފާސްކޮށްފައި ވަނީ ގާޒާ އަށް ހަމަލާތައްދޭތާ ގާތްގަނޑަކަށް ހަ މަސް ދުވަސް ފަހުންނެވެ. އެ މުއްދަތުގައި ވަނީ ފަލަސްތީނުގެ 32،300 މީހުން ޝަހީދުކޮށްލައި، 74،600 މީހުން ޒަޚަމްކޮށްލައިފަ އެެވެ.