ރިޝްވަތު ނަގައިގެން މެމްބަރުން ޕާޓީ ބަދަލުކުރުން ހުއްޓުވުމުގެ ގޮތުން އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެންޓި ޑިފެކްޝަން ބިލް ކޮމިޓީން ފާސްކޮށްފި އެވެ.

އެ ބިލް ދިރާސާކުރަން ނެގި ވަގުތީ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުއިއްޒާއި ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދާއި ކެލާ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފާއި ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ އާއި ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް އަލީ އާއި މަނަދޫ ދާއިރާގެ މެމްބަރު އަހްމަދު ހާރޫނެވެ.

އެ ބިލްގައި ވަނީ މެމްބަރުކަމުން އިސްތިއުފާ ދޭންޖެހޭ ހާލަތްތަކެއް ބަޔާންކޮށްފަ އެވެ. އެއީ

  • ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން އިންތިހާބުވުމަށް ފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީގެ މެންބަރަކަމުން އަމިއްލައަށް ވަކިވާން ހުށަހަޅައި އެކަން އިލެކްޝަންސް ކޮމިޝަންގައި ދަފްތަރުވުން
  • އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރުވުން
  • އަމިއްލަ ގޮތުން އިންތިހާބުވި މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުން

ބިލުގައިވާ ގޮތުން އެ ތިން ހާލަތުން ކުރެ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ މެންބަރަކު "މެންބަރުކަމުން އިސްތިއުފާ ދޭންވާނެ" އެވެ. އެކަމަކު އިސްތިއުފާ ނުދީފިނަމަ ދެން ވާނެ ގޮތެއް އެ ބިލްގައި ބަޔާންކޮށްފައެއްނުވެ އެވެ.

އިންތިހާބުވި ޕާޓީގެ މެންބަރުކަމުން އޭނާ ވަކިކުރާ ތާރީހުން ފެށިގެން ހަތް ދުވަސް ތެރޭ އެ ނިންމުމަކާ ގުޅޭ ގޮތުން ކޯޓަށް މައްސަލަ ހުށަހެޅުމުގެ އިހްތިޔާރު އެ މީހަކަށް ލިބިގެންވާ ކަމަށް އެ ބިލްގައިވެއެވެ. އަދި އެ މުއްދަތުގައި މައްސަލަ ކޯޓަށް ހުށަހަނާޅާ ނަމަ، އެ ސިޔާސީ ޕާޓީގެ މެމްބަރުކަމުން ވަކިވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން އެންގުންމުން މަޖިލިސް މެންބަރުކަމުން އިސްތިއުފާ ދޭން ވާނެ ކަމަށް އެ ބިލްގައިވެ އެވެ.

ހަމައެހެންމެ އެ މެންބަރަކު ޕާޓީން ވަކިކޮށްފައިވަނީ ރަނގަޅަށް ކަމަށް ކޯޓުން ނިންމައިފި ނަމަ، އެ މެންބަރަކު އެ ސިޔާސީ ޕާޓީގެ މެމްބަރުކަމުން ވަކިވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން އެންގުންމުން މަޖިލިސް މެންބަރުކަމުން އިސްތިއުފާ ދޭން ވާނެ ކަމަށް ވެސް ބިލްގައި ބަޔާންކޮށްފައިވެ އެވެ.

އެ ބިލް މަޖިލީހަށް ބަލައިގަތުމަށް ވޯޓު ނެގިއިރު، ޑިމޮކްރެސްޓްސް އާއި ޕީއެންސީގެ މެމްބަރުން ވަނީ ތަނާޒުލްވެފަ އެވެ.

އެ ބިލްގައިވާގޮތުން މަޖިލިސް މެމްބަރުންގެ އިތުރުން ރަށު ކައުންސިލްގެ މެމްބަރުންނާއި ސިޓީ ކައުންސިލްގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ އެވެ.