ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިދިޔަ އަހަރު ދެ ބިލިއަން ރުފިޔާގެ ބޮޑު ފައިދާއެއް ލިބިއްޖެ އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ އެންމެ ބޮޑު ބޭންކުން މިއަދު އާއްމުކުރި މިދިޔަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެ ބޭންކަށް އާމްދަނީގެ ގޮތުގައި 4.4 ބިލިއަން ރުފިޔާ މިދިޔަ އަހަރު ލިބިފައިވެ އެވެ. 2022 ވަނަ އަހަރު ލިބުނީ ހަތަރު ބިލިއަން ރުފިޔާ އެވެ.

ބީއެމްއެލްއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ އެ ބޭންކުގެ ތާރީހުގައި ދެ ބިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބުނު ފުރަތަމަ ފަހަރެވެ.

ބީއެމްއެލްއަށް މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ލޯނާއި އެހެނިހެން ގޮތްގޮތުން ބޭންކަށް ދައްކަން ޖެހޭ އިންޓަރެސްޓުންނެވެ. އެގޮތުން އިންޓަރެސްޓުން އާމްދަނީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މީގެ އިތުރުން ބޭންކުން ދޭ އެކިއެކި ހިދުމަތްތަކުގައި ނަގާ ފީ އާއި ކޮމިޝަންގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ އާއެކު ހިންގުމުގެ ފައިދާގެ ގޮތުގައި ޖުމްލަ 3.5 ބިލިއަން ރުފިޔާ އެ ބޭންކަށް ލިބިފައިވެ އެވެ.

ބީއެމްއެލްއިން ދޫކުރާ ކްރެޑިޓް ކާޑުތަކުން ލިބޭ އާމްދަނީން މިދިޔަ އަހަރު 199.7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އޭގެ ކުރީ އަހަރު ކްރެޑިޓް ކާޑުން 368.6 މިލިއަން ރުފިޔާގެ ގެއްލުމެއް އެ ބޭންކަށް ލިބިފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އެ ބޭންކުގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ހިންގުމުގެ ހަރަދު ވަނީ 714.3 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. އޭގެ ކުރީ އަހަރު ހިންގުމުގެ ހަރަދުގެ ގޮތުގައި ހޭދަކޮށްފައި ވަނީ 684.6 މިލިއަން ރުފިޔާ އެވެ.

ބީއެމްއެލް އިން މިދިޔަ އަހަރު ބޭންކް ޕްރޮފިޓް ޓެކްސްގެ ގޮތުގައި 807 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ. 2022 ވަނަ އަހަަރު އެ ބޭންކުން ދެއްކީ 499.8 މިލިއަން ރުފިޔާ އެވެ.

އެ ބޭންކުގެ މިދިޔަ އަހަރުގެ މާލީ ހިސާބުތައް އާއްމުކުރުމަށްފަހު ބުނެފައި ވަނީ މިދިޔަ އަހަރަކީ މިހާތަނަށް އެންމެ ރަނގަޅު މާލީ ނަތީޖާއެއް ހޯދި އަހަރު ކަމަށެވެ. މި ގޮތުން ޓެކުހަށް ކެނޑުމަށްފަހު ދެ ބިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބިފައިވާތީ ހިއްސާއަކަށް 50 ރުފިޔާގެ މަގުން ބެހުމަށް ހުށަހަޅަން ބޯޑުން ނިންމާފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބޭންކުގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ އެ ބޭންކަށް މިދިޔަ އަހަރު ލިބުނު ބޮޑު ފައިދާއާއެކު ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 269 މިލިއަން ރުފިޔާ ބެހުމަށް ހުށަހަޅާފައިވާ ކަމަށެވެ.

"މިއީ ބޭންކުގެ ތާރީހުގައިވެސް ހިއްސާދާރުންނަށް ދިނުމަށް ހުށަހެޅުނު އެންމެ މަތީ އަދަދު،" އެ ބޭންކުން ނެރުނު ބަޔާނުގައި ސީއީއޯ ވިދާޅުވެފައިވެ އެވެ. " ބޭންކުގެ އެންމެ ބޮޑު ހިއްސާދާރުކަމަށްވާ ދިވެހި ސަރުކާރަށް މި ނަތީޖާއާއެކު ހިއްސާގެ ފައިދާގެ ގޮތުގައި 136.6 މިލިއަން ރުފިޔާ އަދި 2023 ވަނަ އަހަރުގެ ޓެކުހުގެ ގޮތުގައި އިތުރު 628 މިލިއަން ރުފިޔާ ލިބޭނެ."