ތަރައްގީގެ ލޮލަކުން އައްޑޫ ސިޓީއަށް ބަލާލި ހަމައެކަނި ބަޔަކީ އެމްޑީޕީ ކަމަށް އެ ޕާޓީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީގެ އެކި ދާއިރާތަކަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ސޯލިހު މިރޭ ވިދާޅުވީ ފާއިތުވި 50 އަހަރު ވެސް އައްޑޫގެ ތަރައްގީއަށް މަސައްކަތްކޮށްފައި ވަނީ އެމްޑީޕީގެ ވެރިކަންތަކުގައި ކަމަށެވެ.

"އައްޑޫ ސިޓީއަށް މި ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި، 50 އަހަރު ދުވަހުގެ ތެރޭގައި ވެސް ހަގީގަތުގައި ތަރައްގީގެ މަސައްކަތެއް ކުރެވިފައި މިއޮތީ އެމްޑީޕީގެ ވެރިކަމެއްގައި، އަދި ހާއްސަކޮށް މި ވޭތުވެދިޔަ ފަސް އަހަރު ތިޔަ ބޭފުޅުންނަށް އެކަން ފާހަގަ ކުރެވިގެންދާނެ،" ސޯލިހު ވިދާޅުވި އެވެ.

ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި އައްޑޫއަށް ކޮށްދީފައިވާ މުހިންމު ކަންތައްތަކުގެ ތެރޭގައި ގަން އިންޓަނޭޝަނަލް އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްގީކުރަން ފެށުމާއި ރިސޯޓުތައް އެޅުމަށްޓަކައި ބިން ހިއްކުމާއި، ރަށަށް ބޭނުންވާ ބިންތައް ހިއްކުމާއި ބަނދަރުތައް ހެދުމާއި މިފްކޯގެ ކޯލްޑް ސްޓޮރޭޖުތައް ބޮޑު ކުރުމަށް ފެށިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އައްޑޫގެ ތަރައްގީއަށް އެތައް މިލިއަން ރުފިޔާއެއް ހޭދަކުރިކަން ފާހަގަކުރައްވައި ސޯލިހު ވިދާޅުވީ އައްޑޫގެ މަގު ހެދުމަށް 77 މިލިއަން ޑޮލަރު ހަމަޖެހި އެ މަސައްކަތް އެދަނީ ކުރިއަށް ކަމަށެވެ. އަދި އެހެނިހެން މަޝްރޫއުތަކަށް ވެސް ބޮޑެތި އަދަދުތަކުން ހޭދަކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.