އެމްޑީޕީގެ ޓިކެޓުގައި މާފަންނު ދެކުނު ދާއިރާއަށް ވާދަކުރާ ހަސަން އިއާދު (އިއަޑޭ) ގެ މައްސަލައެއް ބަލަމުންދާކަމަށް ބުނެ އެޗްޑީސީއިން އެނާ މިއަދު ސަސްޕެންޑުކޮށްފި އެވެ.

އިއަޑޭ ސަސްޕެންޑު ކޮށްފައި ވަނީ އެޗްޑީސީގެ ޕްރޮގްރެސިވް ޑިސިޕްލިނަރީ އެކްޝަން ޕޮލިސީގެ 6.1 އަށް ރިއާއަތްކޮށް މިއަދުން ފެށިގެން ކުރިއަށް އޮތް 14 ދުވަހުގެ މުއްދަތަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީން ބުނީ އިއަޑޭގެ މައްސަލައެއް އެ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އިއަޑޭ ވިދާޅުވީ ތަހުގީގު ކުރަނީ ކޮން މައްސަލައެއް ކަމެއް ވެސް އަންގާފައިނުވާ ކަމަށެވެ.

އިއަޑޭ ވިދާޅުވީ ސަސްޕެންޑުކުރަންޖެހޭ ފަދަ އެއްވެސް މައްސަލައެއް އޭނާގެ ފަރާތުން ފާހަގަވެފައިނުވާނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާގޮތުގައި މިއީ ސިޔާސީ ކަމެއް،" އިއަޑޭ ވިދާޅުވި އެވެ.

އެޗްޑީސީން އިއަޑޭއަށް ފޮނުވި ލިޔުމުގައި ވަނީ ސަސްޕެންޑު ކުރި މުއްދަތުގައި އެ ކުންފުނީގެ އިމާރާތްތަކާއި ސައިޓުތަކަށް ވަނުމަށް އާއްމު ފަރުދުންނަށް ހުއްދަ ކޮށްފައިވާ ހިސާބުތައް ނޫން އެހެން ތަންތަނަށް ނުވަނުމަށް އަންގާ ކަމަށެވެ. އެއްވެސް މުދަލެއް އިއަޑޭއާ ހަވާލުކޮށްފައިވާނަމަ މިއަދުގެ ރަސްމީ ގަޑި ނިމުމުގެ ކުރިން އެ ކުންފުންޏާ ހަވާލު ކުރުމަށް ވެސް އެ ލިޔުގައި އަންގައިފައިވެ އެވެ.

ބަލަމުންދާ މައްސަލައިގެ ތަހުގީގަށް އެއްބާރުލުން ދިނުމަށް ވެސް އެ ކުންފުނިން ވަނީ އެދިފަ އެވެ.