ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އެމްޑީޕީ ކެމްޕޭން ނިންމާލުމުގެ ހަރަކާތް ހުކުރު ދުވަހުގެ ހަވީރު ބާއްވަން ނިންމައިފި އެވެ.

އެމްޑީޕީން ބުނީ ކެމްޕޭން ނިންމާލުމުގެ ހަރަކާތް ފެށޭނީ ހުކުރު ދުވަހުގެ ހަވީރު 16:00 ގައި ސޯޝަލް ސެންޓަރު ސަރަހައްދުން ކަމަށެވެ.

އެ ހަރަކާތުގައި ބައިވެރިވާން ހުރިހާ ރައްޔިތުންނަށް އެ ޕާޓީން ވަނީ ދައުވަތު އަރުވާފަ އެވެ.

މަޖިލިސް އިންތިހާބުގައި ތިން ދާއިރާއަކަށް ފިޔަވައި އެހެން ހުރިހާ ދާއިރާއަކަށް އެމްޑީޕީން ވާދަކުރެ އެވެ. އެ ޕާޓީން މިފަހަރުގެ އިންތިހާބުގައި ބޭނުންކުރާ ޝިއާރަކީ "މިސްރާބު ހަމަމަގަށް" އެވެ.

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި އެ ޕާޓީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިހާރު ވެސް ގެންދަވަނީ ކެމްޕޭން ދަތުރުފުޅުގައި އެކި ރަށްތަކަށް ވަޑައިގަންނަވަމުންނެވެ.

ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި އެ ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ ލިބުން މުހިންމު ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.