ހދ. ކުޅުދުއްފުށީ އެއާޕޯޓްގައި އެންމެ ޒަމާނީ ވަސީލަތްތަކާ އެކު ތަރައްގީކުރެވޭ ޕެސެންޖާ ޓާމިނަލްއެއް އެޅުމަށް ވާންޖެހޭ ތައްޔާރީވެއްޖެ އެވެ.
ކުޅުދުއްފުށީ އެއާޕޯޓްގެ ފަސިންޖަރު ޓާމިނަލް ތަރައްގީ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލީ މިއަހަރުގެ ޖެނުއަރީ މަހު އެވެ.
ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން ބުނީ ކުޅުދުއްފުށި އެއާޕޯޓް ރީޑިވެލޮޕް ކުރުމުގެ މާސްޓާ ޕްލޭންއެއް އެކުލަވާލުމަށްފަހު ޓާމިނަލްގެ މަސައްކަތް ކުރުމަށް ހަވާލުކުރެވޭ ފަރާތެއް ހޮވުމުގެ ބީލަމުގެ މަރުހަލާ ނިމި މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ.
މި ޓާމިނަލް ނިމިގެންދާއިރު ޓާމިނަލްއެއްގައި ފަސެންޖަރުންނަށް ހިދުމަތްދިނުމަށްޓަކައި ހުންނަށްޖެހޭ އެންމެޒަމާނީ ހިދުމަތްތައް ފުރިހަމަވެފައި ހުންނާނެ ކަމަށް ރީޖަނަލް އެއާޕޯޓުން ބުނެ އެވެ.
ޓާމިނަލް ނިމިގެންދާއިރު އެއްފަހަރާ އެއް ވަގުތެއްގައި އޭ ޓީ އާރު 72 ސައިޒްގެ ދެފްލައިޓް އެއްވެސް ދަތިކަމެއް ނެތި ހިދުމަތްދެވޭ ވަރުގެ ކެޕޭސިޓީއެއް ތަރައްގީ ކުރެވިފައި ހުންނާނެ ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ. މީގެ އިތުރުން ޓާމިނަލްގައި ވަކިން ޑިޕާޗާ އަދި އެރައިވަލް ހޯލް ހެދިފައި ހުރުމުގެ އިތުރުން ކާގޯރަށްކާކޮށް ބެހެއްޓޭނެ ވަސީލަތް ފުރިހަމަވެފައި ހުންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ރީޖަނަލް އެއާޕޯޓުން ބުނީ މިޓާމިނަލް ނިމިގެންދާއިރު ފަސެންޖަރުން ފުރުވަން އަދި ބަލައިދާ ފަރާތްތަކަށް ފަސޭހަކަމާއެކު އިށީދެލައިގެން ތިބެވޭނެ ވަސީލަތްތައް ފުރިހަމަ ކުރެވިފައި ހުންނާނެ ކަމަށެވެ. އަދި ކެފޭގެ ހިދުމަތްވެސް ލިބިގެންދާނެ އެވެ.
އާރްއޭސީއެލުން މިހާރު އަންނަނީ ރާއްޖޭގެ ޖުމްލަ ހަތް އެއާޕޯޓެއް އޮޕަރޭޓް ކުރަމުންނެވެ.