އިނގިރޭސިވިލާތުން އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފައްދާ އެސްޓްރަޒެނެކާ ވެކްސިން އުފެއްދުން އޮޑިޓްކުރަން ފައްޓައިފި އެވެ. މީގެ ސަބަބުން އެސްޓްރަޒެނެކާގެ ކޮވިޑް 19 ވެކްސިން އިނގިރޭސިވިލާތަށާއި އަދި އެހެން ގައުމުތަކަށްވެސް ލިބުން ފަހިވެގެންދާނެ ކަމަށް ގަބޫލުކުރެވެ އެވެ.
ވެކްސިން އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނިކަމަށްވާ، ސިރަމް އިންސްޓިޓިއުޓުން މިވަގުތުދަނީ އެސްޓްރަޒެނެކާ އާއި އޮކްސްފޯޑު ޔުނިވާސިޓީ ގުޅިގެން އުފައްދާފައިވާ ކޮވިޑް ވެކްސިން، ދުނިޔޭގެ ފަގީރު އަދި މެދުފަންތީގެ ގައުމުތަކަށް ފޯރުކޮށްދިނުމަށް އުފައްދަމުންނެވެ. އިނގިރޭސިވިލާތަށް އެސްޓްރަޒެނެކާ ވެކްސިން ފޯރުކޮށްދެނީ ސިރަމް އިންސްޓިޓިއުޓަކުން ނޫނެވެ. އެސްޓްރަޒެނެކާ ވެކްސިން އުފައްދާ، އެ ގައުމުގައި ހުންނަ ކާރުހާނާތަކުންނެވެ.
އިނގިރޭސިވިލާތުގެ މެޑިސިންސް އެންޑް ހެލްތްކެއާ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އެޖެންސީ (އެމްއެޗްއާރުއޭ)އިން ސިރަމް އިންސްޓިޓިއުޓުން އޮކްސޮފޯޑް އެސްޓްރަޒެނެކާ ވެކްސިން އުފައްދަން ހުއްދަދީފިނަމަ އިނގިރޭސިވިލާތުގެ އިތުރުން އެމްއާރުއެޗްއޭގެ ހުއްދަ ގަބޫލުކުރާ އެހެން ގައުމްތަކަށްވެސް ވެކްސިން ފޯރުކޮށްދެވޭނެ އެވެ.
މިއޮޑިޓް ކުރުމުގެ ފަހަތުގައިވަނީ ކޮންކަމެއް ކަމެއް މީޑީއާއަށް އެނގިފައެއް ނުވެ އެވެ. އަދި މީޑިއާގެ ސުވާލުތަކަށް ސިރަމް އިންސްޓިޓިއުޓުންވެސް ޖަވާބުދީފައެއް ނުވެ އެވެ. އެމްއާރުއެޗްއޭއިން ވަނީ މިއޮޑިޓް ކުރިއަށްދާކަން ޔަގީންކޮށްދީފަ އެވެ. ނަމަވެސް އިތުރު ކޮމެންޓެއް ދިނުމަށް ދެކޮޅުހަދަ އެވެ.
"ކޮމާޝަލް ކޮންފިޑެންޝަލިޓީގެ ސަބަބުން މިވަގުތު ކުރިއަށްދާ އޮޑިޓަކާ ބެހޭ ކޮމެންޓެއް އަޅުގަނޑުމެންނަކަށް ނުދެވޭނެ،" އެމްއެޗްއާރުއޭގެ ޗީފް އެގްޒެކެޓިވް ޑރ. ޖޫން ރެއިން ވިދާޅުވި އެވެ.
މިކަމާބެހޭ ގޮތުން ވާހަކަދެއްކި ބައެއް މީހުން ގަބޫލުކުރާގޮތުގައި، ސިރަމް އިންސްޓިޓިއުޓަކީ އިނގިރޭސިވިލާތަށް ވެކްސިން ފޯރުކޮށްދޭ ބަޔަކަށްވުމުން މިއޮޑިޓަކީ އާންމުކޮށް ވެސް ކުރަންޖެހޭ ކަމެކެވެ.