ކުށްކޮށްގެން ހޯދާ މުދާ ނެގުމާބެހޭ ބިލުގައި ހުށަހަޅާފައި ވަނީ ކުށުގެ ތުހުމަތުވާ މީހާގެ ޝަރީއަތް ނުނިމެނީސް މަރުވުން ނުވަތަ ޝަރީއަތަށް ހާޒިރުނުވެ ފިލައިގެން އުޅުން ފަދަ ހާއްސަ ހާލަތްތަކުގައި ދައުލަތަށް މުދާ ނެގޭ ގޮތަށް ކަމަށް އެ ބިލު ހުށަހެޅުއްވި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލަށް ކުރި ބަހުސްގެ ފަހު ފުރުސަތުގައި ވާހަކަދައްކަވަމުން މެންބަރު ފަޒާދު ވިދާޅުވީ، ބިލުގެ 74 ވަނަ މާއްދާގައި ކުށްކޮށްގެން މުދާ ހޯދާފައިވާ މީހެއްގެ މައްޗަށް ދައުވާކުރުމުގެ ފުރުސަތު ނުލިބޭ ހާއްސަ ތިން ހާލަތެއްގައި މުދާ ނެގުމުގެ ކަންކަން ކުރިއަށްދާނެ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައި ވާނެ ކަމަށެވެ. އެގޮތުން އެފަދަ ހާލަތްތަކުގައި ވެސް މުދާ ނެގޭނީ ޕްރޮސެކިއުޓާ ޖެނެރަލް އެކަން ހައި ކޯޓަށް ހުށަހަޅުއްވައި، އެ ކޯޓުގެ އަމުރެއް ލިބިގެން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
"އެއީ 74 ވަނަ މާއްދާ. އެ މާއްދާގައި ވަރަށް ސާފުކޮށް އެބަ ބުނޭ ތިން ހާލަތެއްގައި އެ މުދާ ނެގުމުގެ ކަންތައް ކުރިއަށް ގެންދާނެ ގޮތް. އެއީ ކުށް ކޮށްގެން މުދާ ހޯދާފައިވާ މީހެއްގެ މައްޗަށް، ދައުވާ ކުރުމަށް ޓަކައި އެ ފުރުސަތު ނުލިބޭ ހާލަތްތަކުގައި، މިސާލެއްގެ ގޮތުގައި، އޭނާ މަރުވުން، ކުށުގެ ތުހުމަތު ކުރެވޭ ފަރާތަކީ ފިލައިގެން އުޅޭ ފަރާތެއް ކަމުގައި ވުން،" ފަޒާދު ވިދާޅުވި އެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ މި ބިލުގެ މައިގަނޑު މަގުސަދަކީ ޖިނާއީ ބޮޑެތި ކުށްތައް ކުރާ މީހުން އެފަދަ އަމަލުތަކުން ހޯދާ މާލީ މަންފާ ބޭނުންކުރުން ހުއްޓުވުމާއި، އެފަދަ މުދަލުން އިތުރު މަންފާއެއް ހޯދުމުގެ މަގުތައް ބަންދުކުރުމަށްޓަކައި އުސޫލުތަކެއް ކަނޑައެޅުމެވެ.
މިއަދުގެ ޖަލްސާގައި މި ބިލަށް ބަހުސްކުރާނެ އެހެން މެންބަރަކު ނެތުމުން ވަނީ އެ ބިލުގެ ތިންވަނަ ކިއުން އިއްވާފަ އެވެ. އަދި ދެން އޮންނާނީ އެ ބިލަށް ވޯޓަށް އެހުމެވެ.
މާލޭގައި ބަނގުރަލުގެ ވިޔަފާރި ކުރާ ބޮޑު ނެޓްވޯކެއް އަތުލައިގެންފި