ސުޕްރީމް ކޯޓުން ވަކިކުރި ފަނޑިޔާރުންގެ މައްޗަށް ކުރި ތުހުމަތުތައް ސާބިތުކުރެވޭނެ އެއްވެސް ހެއްކެއް ނެތްކަމަށް ކަނޑައަޅައި، ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ނިންމެވުމާ ގުޅިގެން، އެ ފަނޑިޔާރުން މަގާމުން ވަކިކުރީ އެއްވެސް އަސާސެއް ނެތިކަމަށް ބުނެ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ޖަވާބުދާރީ ކުރުވުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި މި ގަރާރުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވަނިކޮށް، ސެޕްޓެމްބަރު 30 ގައި ޕީޖީ އޮފީހުން ނިންމި ނިންމުމަށް އަލިއަޅުވާލާފައިވެ އެވެ. އެގޮތުން ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތް ކަމަށް ޕީޖީން ކަނޑައެޅުމުން، އެ ފަނޑިޔާރުން މަގާމުން ވަކިކޮށްފައި ވަނީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށްކަން ހާމަވެގެންދާ ކަމަށް އެ ގަރާރިގައި ވަނީ ބުނެފަ އެވެ.

މިފަދަ ބޮޑު ނިންމުމެއް ނިންމުމުގެ ސަބަބުން ޖޭއެސްސީން އޭގެ ޒިންމާ އުފުލައި ޖަވާބުދާރީވާންޖެހޭނެ ކަމަށް އެ ގަރާރުގައި ބަޔާންކޮށްފައިވެ އެވެ.

ފަނޑިޔާރުން ނާޖާއިޒުގޮތުގައި ނުފޫޒު ބޭނުންކުރި ކަމަށް ތުހުމަތުކޮށް، ޖޭއެސްސީގެ ލަފަޔާއެކު އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރީ މެއި 14، 2025 ގައި ރައްޔިތުންގެ މަޖިލީހުގެ 68 މެންބަރުންގެ ވޯޓުންނެވެ. މި މައްސަލަ ފެންމަތިވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމަށް ހުށަހެޅި މައްސަލައެއްގެ ޝަރީއަތް ފެށުމަށް ކުޑަތަންވެފައި ވަނިކޮށެވެ.

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު. ފޮޓޯ: ސަންއޮންލައިން

އެ މައްސަލައިގައި ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވީ ރައީސާއި ބަންޑާރަ ނައިބު ނުފޫޒު ފޯރުވަން މަސައްކަތްކުރެއްވި ކަމަށް ތުހުމަތުކުރެއްވުމަށްފަހުގަ އެވެ.

ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 22 ވަނަ މާއްދާގައިވާ ގޮތުން، ފަނޑިޔާރަކު ސުލޫކީ މިންގަނޑާ ހިލާފަށް ނުވަތަ މަގާމަށް ގާބިލުނޫން ކަމަށް ޖޭއެސްސީއަށް ގަބޫލުކުރެވިގެން މަގާމުން ވަކިކުރެވޭނީ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުންނެވެ. ނަމަވެސް ޖިނާއީ ދައުވާއެއް ސާބިތުކުރާނެ ހެކި ނެތްކަމަށް ޕީޖީން ކަނޑައެޅުމާއެކު، ކުރީގެ ފަނޑިޔާރުން ބާތިލުކުރުމުގެ މައްސަލަ ސިޔާސީ އަދި ގާނޫނީ ގޮތުން ބޮޑެތި ބަހުސްތަކަކަށް ވަނީ ހުޅުވިގެން ގޮސްފަ އެވެ.