ދެހާސް ނަވާރަ ވަނަ އަހަރު އޮލިމްޕަސް ސްކްރީނުގައި ރިލީޒްކުރި "ބަވަތި" ފިލްމަކީ އެ އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި ނަން ވިދާލި ފިލްމެކެވެ. އިލްޔާސް ވަހީދު (އިއްލެ) ގެ ފުރަތަމަ ފީޗާ ފިލްމު ކަމުގައިވާ "ބަވަތި" ފިލްމު އޮލިމްޕަސް ސްކްރީނުގައި ބެލި ގިނަބަޔަކުވަނީ އެ ފިލްމަށް ތަޢުރީފުގެ ބަސްތައް އޮއްސާލާފަ އެވެ. އޮލިމްޕަސް ސްކްރީނުގައި މި ފިލްމު ނުބެލުނު ފަރާތްތަކަށް ދެން އޮތީ އުފާވެރި ޚަބަރެކެވެ. މީޑިއާނެޓުގެ ވީޑިއޯކްލަބަށް 01 މެއި ވާ ބުދަ ދުވަހު މި ފިލްމު ބެލުންތެރިންނަށް ބަލާލެވޭނެ އެވެ.

ބަވަތި މި ފިލްމަކީ ސައިކޮލޮޖިކަލް ތްރިލާ ޖޮންރާގެ ފިލްމެކެވެ. ނަމަވެސް ފިލްމު ބަލަމުންދާއިރު މިއީ ބިރުވެރި ފިލްމެއްތޯ ސުވާލު އުފެދޭ ވަގުތުތައް ވެސް އަންނާނެ އެވެ. މި ފިލްމަކީ ފުރިހަމަ ވާހަކައެއްގެ މައްޗަށް ބިނާކޮށް އިބްރަތްތެރި މެސެޖެއް ލިއްބައިދޭގޮތަށް ތައްޔާރުކޮށްފައިވާ މޮޅު ފިލްމެކެވެ. މުޅި ސްކްރީންޕްލޭގައި ސަސްޕެންސް ހިފަހައްޓާފައިވާ މިންވަރުން އެކަނިވެސް ފިލްމުގެ ފުރިހަމަކަން ފެނިގެންދެ އެވެ.

ފިލްމުގެ އެކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވަނީ ފިލްމީ ދާއިރާގައި އެންމެ މޮޅު އެއް ބަތަލާކަމަށް ގިނަ ބަޔަކު ސިފަކުރާ ނުޒޫ އަދި އެކްޓަރު އިފްނާޒެވެ. ފިލްމުގެ ނަމުން ނަމަ ޝެހެނާޒާއި އިބޫއެވެ. މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ އިފްނާޒުގެ ކެރެކްޓާ ނުޒޫ ދިރިއުޅޭ ރަށަށް ފިޓްނަސް ކްލާސްތަކެއް ނަގާދިނުމަށް ކުރާ ދަތުރުގައި ނަޒޫގެ ކެރެކްޓާ އާ ދިމާވެ ލޯބީގެ ގޮތުން ގުޅުމުގެ ސަބަބުން ދިމާވާ އެކިއެކި ހާދިސާތަކުގެ މައްޗަށެވެ. މުޅިން އަލަށް ފިލްމަކުން ފެނިގެންދިޔަ އިފްނާޒުގެ އަދި ނުޒޫގެ އެކްޓިންގްއަށް މި ފިލްމު ބެލި ގިނަ ބަޔަކުވަނީ ތައުރީފުކޮށްފަ އެވެ. މި ދެ ތަރިންގެ އިތުރުން މި ފިލްމުގައި ފެނިގެންދާ ތަޖުރިބާކާރު އެކްޓަރު ދަރާ ރަޝީދު އަދި ފާތުންގެ އެކްޓިންގްވެސް ފާހަގަކޮށްލެވެ އެވެ.

މި ފިލްމުގެ އެންމެ ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި ފިލްމުގެ ވީއެފްއެކްސް ތައްޔާރުކޮށްފައިވާ ގޮތް އަދި މޭކަޕްގެ ވާހަކަ ދައްކާނުލާ ދޫކޮށްލެވޭކަށް ނެތެވެ. "އޯކޭޒް އިންކް" ގެ ފަރާތުން ވަނީ މީގެ ކުރިން ދިވެހި ފިލްމީ އިންޑަސްޓްރީގައި ނުފެންނަ ފެންވަރުގެ އާދަޔާ ޚިލާފު މޮޅު ވީއެފްއެކްސް އިފެކްޓްތަކެއް މި ފިލްމުގައި ގެނެސްދީފައެވެ. ފިލްމުގެ މޭކަޕް އާރޓިސްޓެއްގެ ގޮތުގައި މަސައްކަތްކޮށްފައިވަނީ މޭކަޕް އާރޓިސްޓް ރުތުބާއެވެ. ފިލްމުގެ ޓްރެއިލާއިން އެކަނިވެސް މިކަންވަނީ ފާހަގަވެގެން ގޮއްސައެވެ. "ބަވަތި" މި ފިލްމު ފުރިހަމަކަމުގެ ނަތީޖާއެއް ގޮތުން މި ފިލްމުވަނީ 2021ވަނަ އަހަރުގެ "ކަރްނާޓަކާ ފިލްމު ފެސްޓިވަލް" ގައި ދިވެހިރާއްޖޭގެ ފިލްމު އިންޑަސްޓްރީ ތަމްސީލުކޮށްފަ އެވެ.

މި ފިލްމު މީޑިއާނެޓުގެ ވީޑިއޯކްލަބަށް ރިލީޒްކުރުމަށް ގާތްވެފައިވާ އިރު މިއީ އެ ފަރާތުން މި އަހަރުތެރޭ ބެލުންތެރިންނާ ހަމައަށް ދޫކޮށްލާ ހަތަރު ވަނަ ދިވެހި ފިލްމުކަން ފާހަގަކޮށްލެވެ އެވެ. މީގެ ކުރިން ވީޑިއޯކްލަބުންވަނީ "ނޮވެމްބަރ"، "ނީނާ" އަދި "ކަޅަކި" ވީޑިއޯކްލަބް ލައިބްރަރީގައި ހިމަނާފަ އެވެ. މި ހުރިހާ ފިލްމަކީވެސް ސިނަމާތަކުގައި މަގްބޫލުކަމާއި ކާމިޔާބު ފިލްމުތައްކަން ފާހަގަކޮށްލެވެ އެވެ. އިތުރު ފިލްމާއި ސީރީޒް މިއަހަރުތެރޭ ރިލީޒްކޮށް ވީޑިއޯކްލަބް ޚިދުމަތް މިއަހަރުތެރޭ އިތުރަށް މުއްސަނދިވެގެންދާނެ ކަމަށް އެފަރާތުން މައުލޫމާތުދެ އެވެ. ދިވެހި އަމިއްލަ އުފެއްދުންތަކާއި ދުނިޔޭގެ އެކިކަންކޮޅުތަކުގެ މުނިފީހިފިލުވަނިވި ފިލްމާއި ސީރީޒް މީޑިއާނެޓުގެ ވީޑިއޯކްލަބް ޚިދުމަތް މެދުވެރިކޮށް ޓީވީ އަދި ފޯނުގެ ޒަރިއްޔާއިން ބަލާލެވޭނެ އެވެ. ހަމައެހެންމެ ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ފަރާތްތަކަށްވެސް މި ކޮންޓެންޓް އެމް އެސް ލައިޓް ގްލޯބަލް މެދުވެރިކޮށް ޓީވީ އިން އަދި އެމް އެސް ޑިޖިޓަލް މެދުވެރިކޮށް ފޯނުން ބަލާލެވޭނެ އެވެ.