އެމްޑީޕީގެ ލީޑާޝިޕަކީ ބަލިވާ ކޮންމެ ފަހަރަކު މައިދާން ދޫކޮށް ފިލާނެ ބައެއް ނޫން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މަޖިލިސް އިންތިހާބުގެ ނާކާމިޔާބީއަށްފަހު މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުން ނިންމާލައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ނުދެއްވުމަށް ފައްޔާޒް އިސްމާއީލަށް ދަންނަވާ ކަމަށެވެ.

"އަޅުގަނޑު ޗެއާޕާސަން އަރިހުން އެދެން އެއްވެސް ހާލެއްގައި އިސްތިއުފާދެއްވައިގެން ނުވާނެ. މިއަދު ލީޑާޝިޕްގައި ތިބި މީހުންނަކީ ބަލިވާ ކޮންމެ ފަހަރަކު މައިދާން ދޫކޮށްފައި ފިލާނެ ބައެއް ނޫން. އަޅުގަނޑުމެން ތިބޭނީ ސާބިތުކަމާއެކު އަޅުގަނޑުމެންގެ މެމްބަރުން އަޅުގަނޑުމެންނާ ހަވާލުކުރި އާމާނާތަށް ވަފާތެރިކަމާއެކު،" ޝާހިދު ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް ވިދާޅުވީ އެ ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުންގެ އިސްތިއުފާއަށް ގޮވަނީ އެ ޕާޓީއާ އިދިކޮޅު ފަރާތްތަކުން ކަމަށެވެ.

މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ މަޖިލިސް އިންތިހާބުން ބަލިވި ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ހެދުމަށް ނިންމާފަ އެވެ.

ފައްޔާޒް ވިދާޅުވީ މީގެކުރިން ވެސް އިންތިހާބުތަކުން ބަލިވީމަ އެ ޕާޓީން އަނބުރާ ވެރިކަމަށް އައިސްފައިވާ ކަމަށެވެ. ދުރާލާ ރޭވިގެން ކުރެވޭ މަސައްކަތްތަކާއެކު އަދިވެސް އެ ޕާޓީއަށް ރާއްޖޭގެ ވެރިކަމަށް އާދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ޗެއާޕާސަން ފައްޔާޒް އިސްމާއީލް

އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވީ އެމްޑީޕީއަކީ ފެށުނީއްސުރެ ވަކި ތަރުތީބަކުން މަސައްކަތްކުރަމުން އައި ޕާޓީއެއް ކަމަށާއި ކުރިއަށް އޮތްތަނުގައި އެމްޑީޕީން ކުރިއަށްދާންވީ ގޮތްތައް ދިރާސާގެ އަލީގައި ރާވާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އެމްޑީޕީ އަދި އަނބުރާ ވެރިކަމަށް ވެސް ގެންނާނަން. މަޖިލީހުގެ މެޖޯރިޓީ ނަގާތަން ވެސް ދިވެހިރާއްޖޭގެ ރައްޔިތުންނަށް ފެންނާނެ. އެއް އިންތިހާބުން ބަލިވީމަ އުޑު ބޮލަށް ވެއްޓުނީ ކަމަށް ބަލައި ފިލާނެ ބައެއް ނޫން. އަޅުގަނޑުމެން މިތިބީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ހޯދައިދޭން ނިކަން ކެރިގެން،" ޝާހިދު ވިދާޅުވި އެވެ.

އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާ ---

ނިމިދިޔަ މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ލިބިފައި ވަނީ ޖުމްލަ 12 ގޮނޑިއެވެ. ސަރުކާރަށް ތާއީދުކުރާ އަމިއްލަ ކެންޑިޑޭޓުންނާއެކު 70 އަށް ވުރެ ގިނަ ގޮނޑި ވެރިކަންކުރާ ޕީއެންސީއަށް ވަނީ ލިބިފަ އެވެ.