އެޗްއެސްބީސީން ރާއްޖޭގައި ދެމުން އައި ހިދުމަތް 22 އަހަރަށް ފަހު ހުއްޓާލަން ނިންމައި، އެ ބޭންކުގެ މާލޭ ބްރާންޗް ބަންދުކުރަން ނިންމައިފި އެވެ.
އެޗްއެސްބީސީ މޯލްޑިވްސް 2002 ވަނަ އަހަރު ހުޅުވީ ކޯޕަރޭޓް ބްރާންޗެއްގެ ގޮތުގަ އެވެ. އެ ބޭންކުން ވަނީ ރާއްޖޭގެ ބޮޑެތި ކުންފުނިތަކަށް ވިޔަފާރި ފުޅާކުރުމަށާއި ބައެއް ރިސޯޓުތައް ތަރައްގީކުރަން ލޯނު ދޫކޮށްފަ އެވެ.
ދުނިޔޭގެ އެންމެ އެންމެ ވަރުގަދަ އެއް ބޭންކުގެ ރާއްޖޭގެ ބްރާންޗަކީ ޓޫރިޒަމް، ޓެލްކޯ އިންފްރާސްޓްރަކްޗާ، ޔުޓިލިޓީސް އަދި ކޮންސިއުމާ ގުޑްސް ފަދަ ދާއިރާތަކުން މިޑް މާކެޓް އެންޓަޕްރައިޒަސް (އެމްއެލްއީ) އާއި ލާޖް ލޯކަލް ކޯޕަރޭޓްސް (ބޮޑެތި ވިޔަފާރިތަކަށް)، އިންޓަނޭޝަނަލް ސަބްސިޑަރީސް (އައިއެސްބީ) އަދި މާލީ އިދާރާތަކުގެ ކްލައިންޓުންގެ އިތުރުވަމުން އައި ވިޔަފާރިތަކަށް ހިދުމަތް ދިނުމަށް ކޯޕަރޭޓް ބްރާންޗެއްގެ ގޮތުގައި ހިންގި ތަނެކެވެ.
އެޗްއެސްބީސީއިން ނެރުނު ނޫސްބަޔާނެއްގައި ވަނީ އެ ބޭންކުން ރާއްޖެ ބްރާންޗްގެ އޮޕަރޭޝަންތައް ރިވިއު ކުރުމަށް ފަހު ބަންދުކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ރާއްޖެއަށް ހާއްސަކޮށް އެޗްއެސްބީސީ ސްރީ ލަންކާގައި ގާއިމްކުރާ ޑެސްކުން، ދިވެހި އިންޓަނޭޝަނަލް ކޯޕަރޭޓް ކަސްޓަމަރުންނަށް ހިދުމަތް ދެމުން އަންނާނެ ކަމަށާއި ރާއްޖޭގެ ބްރާންޗް ބަންދުކުރަން ނިންމި ނަމަވެސް ކަސްޓަމަރުންނާއި މުވައްޒަފުންނަށް ދަތިނުވާނެ ގޮތަކަށް އެކަން ކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ވެސް ބުނެފައިވެ އެވެ.
އެޗްއެސްބީސީގެ ރާއްޖެ ބްރާންޗް ބަންދުކުރަން ނިންމާފައި ވަނީ ނޯޓިސް ދިން މުއްދަތުން ފެށިގެން 60 ދުވަހުންނެވެ. އެ ނޯޓިސް އާއެކު މިހާރު ވަނީ އެ ބްރާންޗުގެ މުވައްޒަފުންނަށް ވެސް އަންގައިފަ އެވެ.
އެ ބޭންކުގެ މާލޭ ބްރާންޗް ބަންދުކުރަން ނިންމައި އެކަން އެމްއެމްއޭއަށް ވެސް މިހާރު ވަނީ އަންގައިފަ އެވެ.
އެ ބޭންކުގެ އެންމެ ފަހުގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ނިޔަލަށް ފައިދާގެ ގޮތުގައި 24.5 މިލިއަން ޑޮލަރު (378,209 މިލިއަން ރުފިޔާ) ލިބިފައިވެ އެވެ. އޭގެ ކުރީ އަހަރު ފައިދާގެ ގޮތުގައި 16.2 މިލިއަން ޑޮލަރު (250.2 މިލިއަން ރުފިޔާ) ލިބިފައިވެ އެވެ.